2015 ވަނަ އަހަރުގެ ތެރޭގައި ކ. ފުށިދިއްގަރު ފަރަށް ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި ލިބުނު ގެއްލުންތަކަށް ޖޫރިމަނާގެ ގޮތުގައި ދައްކަން އެންގި 100 މިލިއަން ރުފިޔާ ނުދެއްކުމުން ދައުލަތުން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.

މުތާ ރޯޔަލް ނަމަކަށް ކިޔާ ޓަގް ބޯޓަކާއި މުތާ ގްރޭސް ނަމަކަށް ކިޔާ ބާޖެއް އެ ފަރަށް އަރާފައި ވާއިރު ހޭންޑްލިން ޕާޓްނަރު މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

އެ ފައިސާ އަދިވެސް ދައްކާފައި ނުވާތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އީޕީއޭއިން ވަނީ އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފައެވެ. އެ އޮފީހުގެ ބުނިގޮތުގައި އެ މައްސަލާގައި ދައުވާ ކުރަން މިދިޔަ ޑިސެމްބަރު މަހު ސިވިލް ކޯޓަށް ވަނީ ފޮނުވާފައެވެ.

އަދި މިހާރު އޮތީ އެ މައްސަލަ ފެށުމުގެ ކުރިން ދައުވާ ރައްދުވާ ފަރާތަށް ދައުވާ އަށް ތައްޔާރުވާން ފުރުސަތު ދިނުމުގެ މަރުހަލާގައި ކަމަށް އެއޮފީހުން ބުނެއެވެ.

އެ ފަރަށް 4370 އަކަ މީޓަރުގެ ގެއްލުމެއްވެފައި ވާއިރު އެ ގެއްލުމަށް ވަނީ 110 މިލިއަން ރުފިޔާއަރައެވެ. އެހެންނަމަވެސް، ގާނޫނުގައި ވާގޮތުން ޖޫރިމަނާ ކުރެވޭ އެންމެ މަތީ އަދަދަކީ 100 މިލިއަން ރުފިޔާކަމުން އެ ކުންފުނީގެ މައްޗަށް ދައްކަން އަންގާފައި ވަނީ 100 މިލިއަން ރުފިޔާއެވެ.