ރަށްރަށުގައި ދިރިއުޅޭ މީހުންނާއި ރަށްރަށް އަރާ ފައިބާ މީހުންނަށް އެރަށެއްގެ އެތަން މިތަނުން ފަޅުގޯތިތައް ފެންނާނެއެވެ.

އެއީ ނެހެދި ދިގުލައިގެން ގޮސްފައި ހުންނަ ގޯއްޗާއި, ބިންގާ އަޅާ ފާރުބުރިއެއް ރާނާފައި ހުންނަ ގޯއްޗާއި ވަކިވަރަކަށް ހަދާފައި ދެން ނުހެދިގެން ހުއްޓާލާފައި ހުންނަ ގޯތިތަކެވެ.

ކޮންމެ ރިޔާސީ ދައުރެއްގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ވައުދު ނާމާގައި އެހެން ނުހެދި ހުންނަ ގޯތިތައް ހަދައިދޭނެ ގޮތަކާއި ލުއި ލޯނު ލިބޭނެ ގޮތަކާއި ދިގުމުއްދަތުން ދައްކާ ހަލާސް ކުރާނެ މާލީ އެހީ ދޭނެ ވާހަކަ ހިމަނައެވެ.

މިއަދާ ހަމައަށް އައި އިރުވެސް ނުހެދި ހުރި ގޯތިތަކުގެ ތެރެއިން 90 ޕަސެންޓް އަދިވެސް ހުރީ ނުހެދިއެވެ. ލުއި ލޯނެއް ލިބުނަސް އެއީ ރާނަން ފަށާފައި ހުންނަ ގޯތި ނިންމާލެވޭ ވަރުގެ އަދަދަކަށް ނުވުމާއި, ލިބޭ ލޯނުން އެހެނިހެން މުހުތާދުތައް ފުއްދަން ޖެހުން ފަދަ ކިތަންމެ ކިތަންމެ ސަބަބަކާ ހުރެއެވެ.

ފުށިދިއްގަރުފަޅު--

ފުށިދިއްގަރު ފަޅާއި ލާ ޖެއްސުން

ފެށިގެން މިދާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ގްރޭންޑް [ބޮޑު] ޕްރޮޖެކްޓަކީ މާލޭގެ ދެކުނުން މާލެއާ 10 މޭލު ފެޔަށް އޮންނަ ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެވެ. ގާތްގަނޑަކަށް 1280 ހެކްޓަރުގެ މާސިންގާ ފަޅުން 1153 ހެކްޓަރު ހިއްކާލަނީ, 11900 އެއްހާ ގޯއްޗާއި 26000 ފެލްޓް އިމާރާތް އަޅާ މާސިންގާ ޝަހަރަކަށް އެތަން ހެދުމަށެވެ. ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓެއްގައި އެތަން ތަރައްގީ ކުރާ އިރު, އެއީ މާލެ ސަރަހައްދުގެ ޗާޓު ބަދަލުވެގެން ދާނެ އެންމެ ބިޔަ މަޝްރޫއަށް ވާނެއެވެ.

ފުށިދިއްގަރު ފަޅާ ގުޅޭގޮތުން މިއަދު ދައްކަމުން އަންނަ އެއްވާހަކަ އަކީ, އެތަން ހިއްކަން ހަވާލުކުރި ސީއެމްސީސީއަށް މާބޮޑު މާލީ މަންފާއެއް ލިބޭގޮތަށް އެތަން ހިއްކަން ހަވާލު ކުރި ވާހަކައެވެ. އަދަދުތަކެއް ޖަހާނަމަ ފަޅު ހިއްކައިދޭ މަތިން އެ ކުންފުޏަށް ދޭން ނިންމާފައިވާ 70 ހެކްޓަރުގެ ބިމަކީ ބިލިއަން ބިލިއަން ރުފިޔާގެ އަގުހުރި ބިންތަކެކެވެ. އެއީ ހުޅުމާލެއިން މިފަހުން ބިން ވިއްކާފައި ވާ ރޭޓު 6000 ރުފިޔާއިން ހުޅުމާލެއިން އެ ކުންފުންޏަށް ދޭ 10 ހެކްޓަރުގެ ބިމަށް ބަލައިފިނަމަ އެއީ 6.5 ބިލިއަން ރުފިޔާއެވެ. ހިނގަމުން މިދާ 2023 ގެ ކުރީކޮޅު ހުޅުމާލެއިން ވިޔަފާރި ބޭނުންތަކަށް ބިން ދޫކޮށްފައިވާ ރޭޓް 4500 ރުފިޔާއިން ބަލައިފިނަމަ 10 ހެކްޓަރަށް 4.8 ބިލިއަން ރުފިޔާ ޖެހޭނެއެވެ.

މިރޭޓުތަކަށް ވުރެ ބޮޑެތި އަގުތައް ކަމަށް ވާ 9000 ރުފިޔާ އަދި 10000 ރުފިޔާއަށް ވެސް ހުޅުމާލޭގެ ބައެއް ބިންތައް ވިއްކާފައި ހުރި ނަމަވެސް މިޒާތުގެ ވިފަފާރީގެ ބޭނުމަކަށް ދޫކުރާ ބިމުގެ އަގު 6000 ރުފިޔާ ކަމުގައި ބަލަމާ ހިނގާށެވެ.

ދެން އޮތީ ކަނޑުމެދުން ހިއްކާ ފުޅިދިއްގަރު ފަޅުގެ ބިމުގެ އަގު ހެދުމެވެ. އެތަނުގެ ބިމުގެ ރަސްމީ އަގެއް އަދި ނެތް ނަމަވެސް ހުޅުމާލެއިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ބިން ވިއްކި ރޭޓް, 3629 ރުފިޔާ އަށް ވުރެ ކުޑަކޮށް 3000 ރުފިޔާއަށް ކަމަށް ބެލި ނަމަވެސް 60 ހެކްޓަރަށް 20 އަކަށް ބިލިއަން ރުފިޔާ ޖެހެއެވެ. ފުށިދިއްގަރު ފަޅުން ދޭ 60 ހެކްޓަރާއި ހުޅުމާލެއިން ދޭ 10 ހެކްޓަރު އެއްކޮށްލީމައި ޖުމްލަ އަގު 25 ބިލިއަނަށް އަރާކަމަށް ބަލަމާހިނގާށެވެ.

ފުށިދިއްގަރު ފަޅުގެ ތަސައްވުރު މުއިއްޒު ވިދާޅުވެ ދެއްވި

ދައުލަތުގެ ބަޖެޓުން ހަރަދެއް ކުރަން ނުޖެހުން

ފުށިދިއްގަރު ފަޅުގެ އިހުތިސޯސް އޮތް އާބަންކޯގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެފައި ވަނީ, އެ ހިއްކާ ބިމުގެ އަގު އަދާކުރާނީ ބިން ވިއްކައިގެން ފައިސާ ދައްކާ ހަލާސް ކުރާ އުސޫލުން ސީދާ އާބަންކޯއިން ޒިންމާވާ ގޮތަށް ކަމަށެވެ.

"ހުޅުމާލެ އިން ދޫކުރާ 10 ހެކްޓަރާއި އަދި ރަސްމާލެ އިން ދޫކުރާ 60 ހެކްޓަރު، އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ލިބެނީ 1،093 ހެކްޓަރު ބިން އެޗްޑީސީގެ އެސެޓަށް ދީގެން،". ފަޒުލް ވިދާޅުވިއެވެ.

އެ ލިބޭ 1093 ހެކްޓަރު ތަރައްގީ ކުރާނެ ވިސްނުމުގެ ތެރޭގައި އިގްތިސޯދީ ޒޯންތަކާއި ފަތުރުވެރިކަމާއި ސިނާއީ އެކިއެކި ކަންކަމާއި ކޮމާޝަލް ހައުސިން ފަދަ ކަންކަން ހިމެނޭއިރު ހުޅުމާލޭގެ ބިން ވިކިގެން ދިޔަ ގޮތަށް އެ ބިންވެސް ވިކޭނެ ކަމީ ޝައްކު ކުރަން ޖެހޭ ކަމެއް ނޫނެވެ. އެހެން ކަމުން 25 އަކަށް ބިލިއަން ރުފިޔާ އެއްލާލައިފައި ވެސް 200 ބިލިއަން ހޯދެން އޮތިއްޔާ އެގޮތް ބުއްދިވެރިއެވެ. އޭގެ އަނެއް ފަރާތުން އިޖުތިމާއީ އެތައް މައްސަލަތަކެއް ކުރިމަތިވާ ބޯހިޔާވަހިކަމަށް ހައްލު ލިބިގެން ދިޔުމަކީ އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން ވީ ހަމަ އެއްވެސް ސަބަބެއް އޭގައި ނެތް ކަމެކެވެ.

އެންމެ ޒަމާނީ ހިދުމަތްތަކާއެކު ފުރިހަމަ ވެފައި ވާ ސިޓީއެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު [ރަސް މާލެ] ތަރައްގީ ކުރާ އިރު ދަތުރު ފަތުރަށް އެންމެ ޒަމާނީ ހައިސްޕީޑް ނިޒާމުތަކާއި މަތިން ދާން ބޭނުންވާ މީހުންނަށް އެއާސްޓްރިޕެއް އޮންނަ ގޮތަށް ފަރުވާ ކުރީމައި ލާ ޖައްސައި އެ ބިން ހިއްކާ ނުނިންމާންވީ ސަބަބެއް ނެތެވެ.

ކުރިން ބުނިހެން ބިމެއް އޮތެއް ކަމަކު ނަގަން ޖެހޭ ލޯނާއި އޭގެ އިންޓަރެސްޓް ބޮޑުކަމުން ހެދެން ނޯންނަ އިރު, ހަދާ ނިންމާފައި އަތަށް ތަޅުދަނޑި ދޭ ތަނަކަށް އިންވެސްޓް ނުކުރާންވީ ސަބަބެއް ނެތެވެ.