ބިން ހިއްކުމަށް އެކުލަވާލާފައިވާ ޕްލޭންތަކާމެދު ސަރުކާރުން އަލުން ވިސްނާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ބިން ހިއްކުމަށް ސަރުކާރުން ރާވާފައިވާ ޕްލޭންތަކުގެ ތެރެއިން މުރަކަ ފަރުތަކާއި ފަޅުތަކުގައި އެޅުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ޕައިޕްލައިންގެ މަސައްކަތާ މެދު ހާއްސަ ސަމާލު ކަމެއް ދީގެން ސަރުކާރުން ވިސްނަންޖެހޭ ކަމަށެެވެ.

މީގެއިތުރުން އެ މަސައްކަތް ކުރުމަށްޓަކައި ރާއްޖޭގައި ގިނަ އަދަދެއްގެ ހުސް ރަށްތައް އެބަހުރި ކަމަށާއި އެފަދަ މަސައްކަތްތައް ކުރިއަށް ގެންދަންވީ އެ ރަށްރަށުގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ޓޫރިޒަމް އަށް ގެއްލުން ވިޔަ ނުދިނުމަށްޓަކައި މުރަކަތަކާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބިން ހިއްކުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންތަކާމެދު އަލުން ވިސްނަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެފަދައިން ވިދާޅުވީ ސަރުކާރުގެ ކޮން މަޝްރޫއަކާ ގުޅިގެންކަން ރައީސް ނަޝީދު ހާމަ ކުރައްވާފައެއް ނުވެއެވެ.

މި ސަރުކާރުން ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއަކީ ފުށިދިއްގަރުފަޅު ހިއްކާ އެތަން "ރަސް މާލޭގެ" ނަމުގައި ތަރައްގީ ކުރުމުގެ މަޝްރޫއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފަށާފައިވާއިރު، އެ ރަށާއި މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.