ޗައިނާގެ މާލީ އެހީގައި އުތުރުތިލަފަޅު ހިއްކައިގެން ހިންގަން އުޅުނު ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއު ފުށިދިއްގަރު ފަޅަށް ބަދަލުކޮށްފިއެވެ.

މި މަޝްރޫއަކީ ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމެއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް (އޭއީޒެޑް) ގާއިމުކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މިއަހަރުގެ ޖޫން މަސް ތެރޭ އުތުރުތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު އެސްޓިއޯ އިން ބުނީ މި މަޝްރޫއު ފެށުމަށް ރޭވި މުއްދަތަށް ވުރެ ލަސްވެފައި ވަނީ މަޝްރޫއު ހިންގުމަށް ބޭނުންވާ ތަން ހަމަނުޖެހުމުން ކަމަށެވެ.

އެސްޓިއޯގެ އެމްޑީ ޝިމާދު އިބްރާހީމް ވިދާޅުވީ މިހާރު އެ މަޝްރޫއު ހިންގާނޭ ތަން ރަސްމީކޮށް ކަނޑައަޅައި ލިބިފައިވާކަމަށާއި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގާނީ ފުށިދިއްގަރު ފަޅު ހިއްކައިގެންކަމަށެވެ. ފަޅެއް ހިއްކައިގެން އެ މަޝްރޫއު ހިންގަން ނިންމީ، ރަށަކަށް ވުރެ ބޮޑު ސަރަހައްދެއް އެ މަޝްރޫއަށް ބޭނުން ވާތީކަމަށް ޝިމާދު ވިދާޅުވިއެވެ. މީގެ އިތުރުން ޝިމާދު ވިދާޅުވީ މި މަޝްރޫގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބިން ހިއްކުމަށް ހަދަންޖެހޭ ފީސިބިލިޓީ އާއި އެންވަޔަރަމެންޓަލް އިންޕެކްޓް އެސެސްމަންޓް އަދި ޕްލޭނިން ސްޓޭޖުގެ މަސައްކަތްކަމަށާއި ވަރަށް އަވަހަށް މަސައްކަތްތައް ފެށޭނެކަމަށެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ.