މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ރަސްމާލެ އަކީ ރާއްޖޭގައި ތަނަވަސްކަމާއި ތަރައްގީގެ ޒަމާނެއް ހުޅުވިގެންދާނެ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުިއްޒު ސިފަފުޅުކުރައްވައިފިއެވެ.
ސްމޯލް އައިލޭންޑްސް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި މިއަދު ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މުސްތަގުބަލަކީ އިންޓެލިޖެންސް ޑްރައިވިން ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުން ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކޮށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފައި، މައުލޫމާތު މުއްސަނދި ކުރުމަށާއި، ތައުލީމާއި ސިއހްީ ހިދުމަތަށާއި، މާލީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެ ހިދުމަތްތަކަކީ ސްމާޓް، ރައްކާތެރި، އަދި ރެޒިލިއަންޓް ޓެކްނޮލޮޖީތަކެއްކަން ކަށަވަރުކުރަމުން ގެންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މި ސަރުކާރުން ތަރަްގީ ކުރަން ނިންމާފައިވާ ރަސްމާލެއަށް އަލިއަލުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، މިއީ އެންމެ ބޮޑު އާ އިކޯ ސިޓީ ކަމަށާއި ރަސްމާލޭގެ ވެސް އަސްލު ސިފަތަކަކަށް ވާނީ ޑިޖިޓަލް ޓްކނޮލޮޖީ ކަމަށެވެ. ރަސް މާލޭގެ އަމާޒަކީ، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮޑިއުލާ ބޯހިޔާވަހިކަމުގެ ބޭނުން ހިފުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިއީ ތިމާވެއްޓާ ރައްޓެހި އަދި ހަކަތަ ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށާއި، އެންމެ ފަހުން ނެޓް ޒީރޯ އެމިޝަންތަކަށް ވާސިލްވާނެ ކަމެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. ޑިޖިޓަލްކޮށް އަދި އެންމެ ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން، އެންމެންނަށް ވެސް ވަދެވޭނެ ގޮތަށް ފަރުމާ ކުރާ ރަސް މާލެއަކީ ރާއްޖޭގައި ތަނަވަސްކަމާއި ތަރައްގީގެ ޒަމާނެއް ހުޅުވިގެންދާނެ ތަނެއްގެ ގޮތުގައި ރައީސް ސިފަފުޅު ކުރެއްވިއެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ އަށް މަސް ދުވަހަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.