ރަޝިއާއިން ޔޫކްރައިން އަށް އަރާ ފެށި ހަނގުރާމަ އާ މަރުހަލާއަކަށް މިސްރާބު ޖަހާފައި ވާ އިރު، ޔޫކްރައިން އިން މިހާރު ރައްޔާތު ވަމުން ދަނީ ބަރުހަތިޔާރު ޖަމާކޮށް ދިގު ދެމިގެންދާ ވަރުގަދަ ހަމަލާތަކެއް ދިނުމަށެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ އެހީއާއި މަދަދާއެކު ޔޫކްރައިންގެ ސަފުތަށް ރުކުރުވާލައި ތަރުތީބު ކުރަމުން ދަނީ ރަޝިއާ އަށް އިހުސާސް ވާ ވަރުގެ ބަދަލެއް ހިފުމަށެވެ.

މިހާރު އިޓަލީއަށް ވަޑައިގެން ބޮޑު ފާދިރީ، ޕޯޕާ ބައްދަލު ކުރެއްވުމަށް ފަހު ޔޫރަޕްގެ އިސް ބައެއް ވެރިންނާއެކު ހުންނެވި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ، "މިއީ ވަރަށް ސީރިއަށް ކަމެއް، އަދި ބުނެވޭކަށް ނެތް، އެހެން ނަމަވެސް ދުނިޔެއަށް ފެންނާނެ، ހަމަ ގައިމުވެސް ރަޝިއާ އަށް އިހުސާސް ވާނެ" ކަމަށެވެ.

އޭނާ އިޝާރާތް ކުރައްވަނީ، ޖަރުމަނުން މިހާތަނަށް ދޭ އެންމެ ބޮޑު އަސްކަރީ ޕެކޭޖް، 3 ބިލިއަން ޑޮލަރުގެ ބަރުހަތިޔާރާއި، ޓެކްނޮލޮޖީ އަދި ގޮވާތަކެތީގެ އިތުރުން ޑްރޯން އާއި، ޖަޕާނުން ދޭ 2 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖާއި، އެމެރިކާއިން ދޭ 1.2 ބިލިއަން ޑޮލްރުގެ އަސްކަރީ އާލާތްތަކާއި، ފްރާންސް، އިޓަލީ އަދި ޕޮލަންޑާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ފޯރުކޮށްދޭ އެހީގެ ޕެކޭޖްތައް އެއްކޮށްލައި ހަނގުރާމައިގެ ކުރީ ސަފުގައި ޓޭންކްތައް ރުކުރުވާލުމަށެވެ. އޭގެ ފަހަތަށް ބަރުހަތިޔާރާއި އޭގެ ފަހަތަށް ކްރޫޒް މިސައިލް، ބެލެސްޓިކް މިސައިލާއި، ޖޭމަރުތަކާއި، މިސައިލް ވައްޓާ ނިޒާމުތަކެވެ.

ގާތްގަނޑަކަށް 360 ޓޭންކް ރުކުރުވާލަން ނިންމާފައި ވަ އިރު މިއީ ވަރުގަދަ ބަދަލު ހިފުމަކަށް ވެދާނޭ ކަމަށް މުރާސިލުން ބުނެއެވެ.

ޔޫކްރައިންގެ ތައްޔާރީތަކާ ގުޅޭ ގޮތުން އެމެރިކާގެ އަސްކަރީ އޮފިޝަލުން ވިދާޅުވަނީ މިހާރުވެސް ސްޓްރެޓަޖިކް ބަދަލުތައް ގެނެސް ތަރުރީބު ކުރަމުން ދާ ކަމަށާއި، ހަމަލާތަކުގައި ރަޝިއާގެ އަސްކަރީ މަގާމުތަކާއި ހަތިޔާރު ގުދަންދަތަކާއި ކޮމާންޑް ސެންޓަރުތަކާއި ބަރުހަތިޔާރާއި ދިފާއީ ނިޒާމުތަކަކީ އަމާޒު ކަމަށެވެ. އަދި އެ އޮޕަރޭޝަން ވާނީ ހުރިހާ ދިމާއަކުން (ޑިޕާޓްމަންޓަކުން) ގުޅިގެން ހިންގާ އޮޕަރޭޝަނަކަށް ކަމަށް ވެސް ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ ބޭރުގެ ހަބަރުތައް ބުނެއެވެ.

ޒެލެންސްކީ ޕޯޕް ގާތަށް ވަޑައިގެންނެވި އިރުވެސް ރަޝިއާގެ ހަމަލާތައް ދިޔައީ ޔޫކްރައިންނަށް އަމާޒުވަމުންނެވެ. ޔޫކްރައިންގެ އިރުމަތީ ބިތުގެ ސިޓީއެއް ކަމަށް ވާ ކޮސްޓިއާންޓިނިކްވާ އަށް ރަޝިއާއިން ދިން ހަމަލާ ތަކުގައި 2 މީހަކު މަރުވެ 10 މީހަކު ވަނީ ޒަހަމްވެފައެވެ. ޔޫކްރައިންގެ ހުޅަނގު ބިތަށް އަމާޒު ކުރި ހަމަލާތަކުގައި 21 މީހަކު ޒަހަމްވެފައި ވެއެވެ. ރަޝިއާއިން ޔޫކްރައިންގެ އިރާއި އިތުރުން އަދި ދެކުނާއި ހުޅަނގަށް ހަމަލާތައް އަމާޒު ކުރަމުން ދާ އިރު، ހުޅަނގުގެ ހަތިޔާރު ރައްކާ ކޮށްފައި ހުރި ދެ ގުދަނެއް ގޮއްވާލާފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. މިހާވައަށް ޔޫކްރައިން އިން ރައްދެއް ދީފައި ނުވާ އިރު ބުނެފައި ވަނީ އިއްޔެ އެކަނިވެސް ރަޝިއާގެ 17 ޑްރޯން އެއް ވައްޓާލި ކަމަށެވެ.

ހުޅަނގާއި އެމެރިކާ އިން ހަނގުރާމައިގެ ތެރެއަށް ރަނގަޅަށް ވަދެފައި ވާ އިރު، ރަޝިއާއިން ބުނަމުން ދަނީ، ހުޅަނގާއި އެމެރިކާއިން ހަދަނީ ގޯހެއް ކަމަށާއި ނަތީޖާ ހިތިވާނެ ކަމަށެވެ. އަދި ހުޅަނގުން ފޯރުކޮށްދޭ ހުރިހާ ހަތިޔާރެއް ނައްތާލާނެ ކަމުގެ އިންޒާރުވެސް ދަނީ ދެމުންނެވެ.

ރަޝިއާގެ ޓެކްނޮލޮޖީއާއި ހަތިޔާރާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ނެތް ނަމަވެސް ވައްޓާނުލެވޭނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވި، އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރު ކުރާ މިސައިލް ޔޫކްރައިން އިން ވަނީ ވައްޓާލާފައެވެ. މިއީ ޔޫކްރައިން އާއި ހުޅަނގަށް ލިބުނު ކާމިިޔާބީއެއް ކަމުގައި ދެކޭ އިރު އެ މިސައިލް ވައްޓާލީ އެމެރިކާއިން ހަދިޔާ ކުރި އެންޓި މިސައިލް ސިސްޓަމް ބޭނުން ކޮށްގެންނެވެ.