ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ހައްޔަރު ކުރި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާމް ހާން ވަގުތުން ދޫކޮށްލަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

މިއަދު ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް އިމްރާން ހާން ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައެވެ. އެއާއެކު އިމްރާން ވަނީ ބަނީގަލާގައި މަޑުކުރުމުގެ ހުއްދައަކަށް ކޯޓުގައި އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އިމްރާން މަޑުކުރައްވަން ޖެހިވަޑައިގަންވާނީ ސްޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ފުލުހުންގެ ގެސްޓް ހައުސްއެއްގައި ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އަދި އިމްރާން ބައްދަލުކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ގެސްޓް ހައުސްގައި ބައްދަލު ކުރެއްވޭނެ ކަމަށާއި އާއިލާއަށް މަޑުކުރެއްވޭނެ ކަމަށް އިސް ގާޒީ އުމަރު އަތާ ބަންދިއަލް ވަނީ ވިދާޅުވެފައެވެ.

އިމްރާން ހާންގެ ސަޕޯޓަރުންނަށް ދެއްވި މެސެޖެއްގައި އޭނާ ވަނީ ސުލްހަ ނުގެއްލުވާލުމަށާއި ދައުލަތާއި އަމިއްލަ މުދަލަށްވެސް ގެއްލުން ނުދިނުމަށް އެދިވަޑައިގެންފައެވެ.

އިމްރާންގެ މައްޗަށް މިހާރު އުފުލާފައި ވާ ދައުވާ އަކީ، އޭނާގެ ބޮޑުވަޒީރު ކަމުގައި އޭނާ އާއި އަނބިކަނބަލުންގެ ނަމުގައި ހިންގަވާ ސްކޫލެއް ހެދުމަށް ވިޔަފާރިވެރިއެއްގެ އަތުން 239 މިލިއަން ރުފިޔާގެ ބިމެއް ހޯއްދެވި މައްސަލައެވެ. އެ ބިން އަގުމަގު ކުރުމުން ލިބެން ޖެހޭ ފައިސާ އަކީ ދައުލަތުގެ މާލިއްޔަތަށް ވަންނަން ޖެހޭ ފައިސާ ކަމަށް އެގައުމުގެ އެންޓި ކޮރަޕްޝަނާ ބެހޭ ބޯޑުން ބުނެއެވެ.

އެ މައްސަލައިގައި އިމްރާން ހައްޔަރު ކުރަން އަމުރު ނެރެފައި އޮންނަތާ ހަފްތާއެއް ވެފައި ވާއިރު އިމްރާން ގެންދެވީ އެކަމަށް ދެކޮޅު ހައްދަވަމުންނެވެ. އަދި އެ މައްސަލާގައި މިދިޔަ އަންގާރަ ދުވަހު އިމްރާން ހައްޔަރުކޮށް އިއްޔެ އިސްލާމްއާބާދުގެ ކޯޓަކުން ވަނީ އަށް ދުވަހުގެ ބަންދުގެ މުއްދަތެއްވެސް ޖަހާފައެވެ.

އިމްރާން ހައްޔަރު ކުރުމާއެކު އޭނާގެ ޕާޓީގެ ސަޕޯޓަރުން ޕާކިސްތާންގެ މަގުތަކަށް ނުކުމެ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުން ދާއިރު، އެ މުޒާހަރާތަކުގައި މިހާތަނަށް 10 މީހަކު މަރުވެފައިވާއިރު 2،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.