ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް ސަރުކާރާ ކުރަމުންދާ ކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ބުނީ، ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތައް ކުރި ނަމަވެސް، އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިއްކަން ހުށަހަޅަނީ ހުޅުމާލޭ ދެ ފޭސް ގުޅުވާލާ ބްރިޖްތައް ހިމެނޭ ޓަނަލްގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން، އުތުރަށް އޮތް މުޅި ފަޅެވެ. ގާތްގަނޑަކަށް 17 ހެކްޓަރުގެ އެ ސަރަހައްދު ހިއްކަން މަޝްވަރާ ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.
އެސަރަހައްދު ހިއްކާއިރު ކުރިން ރިސޯޓެއްގެ ގޮތުގައި އޮތް އަދި މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެެއްގެ ގޮތުގައި އޮތް ފަރުކޮޅުފުށި ވެސް އެކީއެކަށް ހިކިގެން ދާނެއެވެ.
ހުޅުމާލެ އިން ހިއްކަން މަޝްވަރާ ކުރާ ސަރަހައްދަކީ ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި މާސްޓާ ޕްލޭންގައި ހިމެނި ސަރަހައްދެކެވެ. އަދި އެ މަސައްކަތަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރި ކަމަށްވެސް މީގެ ކުރިން އާބަންކޯ އިން ވަނީ ބުނެފައެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އަދި ދެވަނަ ފިހަވަހިން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް މި ސަރުކާރުން ވަނީ ނިންމައި އިއުލާނަ ކޮށްފައެވެ.