ކުޑަކުދިންނަކީ އެންމެ ތުއްތު އިރުން ފެށިގެންވެސް ޒިންމާދާރު ބަޔަކަށް ހެދުމުގެ ފުރުސަތުތުތައް އެ ކުދިންނަށް ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ، މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ފަޒްނާގެ މެސެޖުގައި ކުޑަކުދިންނަށް ލިބިފައިވާ ހައްގުތަކާއި އެކު ޒިންމާތަކެއް ވާކަން ވަނީ ތަކުރާރުކޮށް ހަނދާންކޮށް ދެއްވާފައިވާއިރު އެކަމަނާ ވިދާޅުވީ، ރަނގަޅު ކާނާ ލިބުމަކީ ކުދިންގެ ހައްގެއް ނަމަވެސް ރަނގަޅު ކާނާ ލިބުނީމާ އެތަކެތި އިސްރާފު ނުކުރުމަކީ ކުދިންނަށް އޮތް ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން ރަނގަޅު ތައުލީމެއް ލިބުމަކީ ކުދިންގެ ހައްގެއް ނަމަވެސް ސްކޫލުން ދޭ ފިލާވަޅުތައް ފަރުވާތެރިކަމާއެކު ދަސްކުރުމާއި، މުދައްރިސުން ފިލާވަޅު ނަގާދޭއިރު ސަމާލުކަން ދިނުމާއި، ސްކޫލަށް ބޭނުންވާ ތަކެތި ދަބަހަށް އަޅާ ތައްޔާރު ކުރުން ފަދަ ކަންކަމަކީ ކުދިންގެ ޒިންމާއެއް ކަމަށް ފަޒްނާ ސިފަކުރެއްވިއެވެ.

ފަޒްނާ އިތުރަސް ވިދާޅުވީ، އެކަމަނާގެ އުންމީދަކީ ކޮންމެ ކުއްޖަކީވެސް އިތުބާރުހިފޭ، ކޮންމެ ކަމެއްގައިވެސް އޮތް އެންމެ ރަނގަޅު ގޮތް ހިޔާރުކުރާ، އަނެކާއަށް އަޅާލުން ފަދަ ރަނގަޅު އާދަތައް ހަރުލާފައިވާ ކުދިބަޔަކަށްވުން ކަމަށާއި ޒިންމާދާރު ރައްޔިތަކަށް ވެވޭނީ އޭރުން ކަމަށެވެ.

އެ މެސެޖުގައި މައިންބަފައިންނާއި މުދައްރިސުންނާ މުހާތަބްކުރައްވާ ފަޒްނާ ވިދާޅުވީ، އެންމެ ޅަފަތުން ފެށިގެން ވެސް ކުދިންނަށް ޒިންމާ ނަގަން ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި، ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަން އިހްސާސްވާ ކުދިން، ސްކޫލްގައާއި މަސައްކަތުގެ މާހައުލުގައާއި މުޅި މުޖުތަމައުގައި ވެސް ކާމިޔާބު މީހަކަށް ވުން ގާތްކަމުގައި ތަޖްރިބާކާރުން ބުނާ ކަމަށާއި، ޒިންމާ ނެގުމުގެ އާދަ ހަރުލާފައި ތިބި ކުދިންނާ މީހުންގެ ކިބައިން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަން ފެންނާނެކަމަށް ފަޒްނާ ވަނީ ވިދާޅުފައެވެ.

ފަޒްނާ ވިދާޅުވީ، ކަންކަމުގައި ކުދިން ޝާމިލު ކުރުން އެކަމަނާއަށް މާނަކުރެވޭ ގޮތަކީ، ކަންކަން ރާވަން ފަށާ ހިސާބުން އެ ކުދިންގެ ބަސް ހޯދުންކަމަށާއި، މިސާލަކަށް ކުދިންނަށް ތައްޔާރުކުރާ ޕާކު ފަދަ ތަންތަނުގެ ގަވައިދު ހެދުމުގައި ކުދިންގެ ބައިވެރިވުން އޮވެއްޖެނަމަ އެ ގަވައިދުތައް ދަމަހައްޓައި ކުދިން ޒިންމާ ނެގުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އަދި، މިފަދަ ކަންކަމުން ކުދިންނަކީ މުހިންމު ބައެއް ކަމާއި އެކުދިންނަށް ބޮޑެތި މީހުން އިތުބާރުކޮށް އިޙްތިރާމްކުރާކަން އެނގިގެންދާނެ ކަމަށް ވެސް ފަޒްނާ ވަނީ ފާހަގަކުރައްވާފައެވެ.