މަސްވެރިންނަށް ހާއްސަކޮށްގެން ބާއްވާ 'ދަ ޕްރޮޖެކްޓް ފޯ ދަ ޕްރޮމޯޝަން އޮފް ބުލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓާ' ގައި ބައިވެރިވުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް ފުރައިފިއެވެ.

މި ދަތުރުގައި ގދ. މަޑަވެލި 'ކަމަނަ ދޯނި', އދ. މަހިބަދޫ އަސުރުމާ 3, އަސަރީ ދޯނި, ޒޫމް ފިޝާ، އަސުރުމާ 2, އަދި ބ. ތުޅާދޫ ހައިޝަމް ދޯނީގެ މަސްވެރިންގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

ފިޝަރީޒް މިނިސްޓްރީ އާއި ޖަޕާނު އިންޓަނޭޝަނަލް އެޖެންސީ (ޖައިކާ) ގުޅިގެން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ދިވެހި ހަ މަސްވެރިއަކު ބައިވެރިވެއެވެ. 20 ދުވަހުގެ މުއްދަތައް ކުރިއަށް ދާ މި ތަމްރީން ޕްރޮގްރާމްގައި މަސްވިއްކުމުގައި ޖަޕާނުގައި އަމަލުކުރަމުން ދާ ގޮތްތައް ބަލައި އެ ގައުމުގެ މަސްވެރިކަން މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން ދިވެހި މަސްވެރިން ދޮށީގައި އަދި އަތު ނަނުގައި ކުރަމުންދާ މަސްވެރިކަމުގައި ބާނާ ކަނޑުމަހުގެ ކޮލިޓީ ރަނގަޅުކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު އެންވެރިކަމުގައި ދިމާވާ ބައެއް މައްސަލަތަކަށް ހައްލު ހޯދުމުގެ ތަމްރީން ދެވިގެން ދާނެއެވެ. އަދި ރަށު ފެންވަރުގައި މަހާއި މަހުގެ އުފެއްދުން ތައްޔާރު ކުރަމުން ދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ތަރައްގީ ކުރާނެ ގޮތުގެ އުކުޅުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި ކޮންމެ އަހަރަކު ދިވެހި މަސްވެރިން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.