މި ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ޓައިގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ރިއާލް މެޑްރިޑާއި އިންގްލޭންޑްގެ މެންޗެސްޓާ ސިޓީ ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ.
ރިއާލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސިޓީންނެވެ. އެހެން ނަމަވެސް ރިއާަލްގެ ގޯލަށް ނުރައްކާތެރިވާ މާ ގިނަ ހަމަލާތަކެއް ސިޓީއަށް ނުއުފެއްދުނު އިރު މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރިއާލުންނެވެ.
ކައުންޓާގައި އުފެއްދި މި ހަމަލާއިން ޖެހި މިލަނޑު ރިއާލްއަށް ކާމިޔާބުކޮށް ދިނީ ބްރެޒިލްގެ ފޯވަޑް ވިނީސިއަސް ޖޫނިޔާއެވެ. ވިނީސިއަސް ޖެހި މި ހިތްގައިމު ލަނޑަކީ މިމެޗުގައި ރިއާލްއިން އުފެއްދި ފުރަތަމަ ހަމަލާއިން ޖެހި ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސިޓީން ކުޅުނު ނަމަވެސް ރިއާލްއިން ވެސް ނުރައްކާތެރި ހަމަލާތައް އުފެއްދިއެވެ. އެހެން ނަމަވެސް ރިއާލްއަށް މި ހަމަލާތައް ކާމިޔާބު ނުކުރެވެނީސް ސިޓީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ 67 ވަނަ މިނެޓްގައި ސިޓީގެ މިޑްފީލްޑަރު ކެވިން ޑެ ބްރައިނާ ދުރުން ފޮނުވާލި ޝޮޓް ރިއާލްގެ ޑިފެންސް ފޫއަޅުވާލާ ގޯލަށް ވަތް އިރު މިއީ މިމުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ރީތި އެއް ލަނޑެވެ.
ސެމީގެ މި ޓައިގެ ފުރަތަމަ ލެގް ނިމެން ދިޔަ އިރު މެޗު ކާމިޔާބުކުރާނެ ދެ ފުރުސަތެއް ރިއާލްއަށް ލިބުނެވެ. އެހެން ނަމަވެސް ސިޓީގެ ކީޕަރު އެޑާސަން ވަނީ ހުޝިޔާރު ކަމާއި އެކު ދެ ސޭވްއެއް ކޮށްފައެވެ. ހާއްސަކޮށް ރިއާލްގެ ބަދަލުކުޅުންތެރިޔާ ޓުކާމޭނީ ދުރުން ފޮނުވާލި ބާރު ޝޮޓް ހިފަހައްޓާ އެޑާސަން ކުރި ސޭވް ފާހަގަކޮށްލެވެއެވެ.
1-1 ގެ ސްކޯއަކުން މިމެޗު ނިމުނު އިރު މިޓައިގެ ދެވަނަ ލެގް ކުޅޭނީ އަންނަ ހަފްތާގައި ސިޓީގެ ދަނޑުގައެވެ. އެމެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާނެއެވެ.
މިސީޒަންގެ ސެމީގެ ދެވަނަ ޓައިގައި ވާދަކުރަނީ އިޓަލީގެ އެއް ރަށެއްގެ ދެ ޓީމު ކަމަށްވާ އޭސީ މިލާންއާއި އިންޓާ މިލާނެވެ.