ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާންހާން މިއަދު ހައިކޯޓަށް ވަޑައިގެން އިންނަވަނިކޮށް ހަތިޔާރުއެޅި ޕެރަމިލިޓަރީ (ސިފައިން ގޮތަށް ހަރަކާތްތެރިވާ އަމިއްލަ ޖަމާއަތެއް) އިންގެ ބޮޑު ފައުޖަކުން ވަދެ އިމްރާން "ދަމައިގަނެގެން" ގެންދިޔަ މައްސަލައިގައި އޭނާގެ ސަޕޯޓަރުން ރަށުތެރޭގެ އެތަަން މިތަނަށް އެއްވެ ހަމަނުޖެހުން ހިންގަމުން އެބަދެއެވެ.

ހަތިޔާރާއެކު ޕެރަމިލިޓަރީން ހައިކޯޓަށް ވަން އިރު އިމްރާން އިންނެވީ، މައްސަލައަކަށް ބައޫމެޓްރިކް (އިނގިލީގެ ސްކޭން) ދެއްވަން ވަޑައިގެންނެވެ. އެވަގުތު އޭނާގެ އަރިހުގައި ބައެއް ލޯޔަރުންނާއި އެތާނގެ ބައެއް މުވައްޒަފުން ތިއްބާ ޕެރަމިލިޓަރީން އެތަނަށް ވަނީ ކުޑަ ދޮރުގެ ބިއްލޫރިތައް ތަޅާލައިގެންނެވެ. އޭރު އެމަންޒަރު ބައްލަވަން ދަތްދޮޅީގައި އަތް ވިދެލައިގެން އިމްރާން އިންނެވިއެވެ.

އެމީހުން އިމްރާން ދަމައިގަނެގެން ގެންދިޔަ އިރު އޭނާގެ ވަށައިގެން ގިނަ އަދަދެއްގެ ޕެރަމިލިޓަރީން ހަރަކާތްތެރިވަމުން ދިޔައެވެ. އެއްވަޔަކު އޭނާގެ ހަށިކޮޅުގައި ހިފައިގެން ބާރުބާރުބާރަށް ގެންދިޔައިރު ފިތި ބާރުވެގެން ބާކީ ތިބި ސިފައިން ދިޔައެވެ. ގެންދިޔަގިތަށް ގެންގޮސް އެމީހުންގެ އަސްކަރީ ވެހިކަލަކަށް އަރުވައިގެން ނައްޓާލިއެވެ.

އިމްރާނަކީ ޕާކިސްތާންގައި ބޮޑު ސަޕޯޓެއް އޮތް ޝަހުސަކަށް ވާއިރު އެހާދިސާގެ ހަބަރުތަކާއެކު އޭނާގެ ސަޕޯޓަރުން ވަނީ ހިނި ދަރުގަނޑަކުން ހިނި ނިކުންނަހެން މަގުތަކަށް ނިކުމެ ފުރާލާފައެވެ. އެތަން މިތާނަގައި ހަމަނުޖެހުން ހިންގާ، މަގުމަތީގައި ޓަޔަރު ރޯކޮށް، އެއްބަޔަކު އިހުތިޖާޖު ކުރަމުން ދާ އިރު އަނެއްބަޔަކު ދަނީ މުދަލާއި ތަކެއްޗަށް ގެއްލުން ދެމުންނެވެ. އެގޮތުން އެއްބަޔަކު މިހާރު ވަނީ އާމީ ކޮމާންޑަރެއްގެ ގެއަށް ވަދެގަނެ އެއްޗެހި ތަޅާ ސުންނާފަތި ކޮށްލާފައެވެ. މި ހަމަނުޖެހުންތައް ފުޅާވެ ބޮޑުވަމުން ދާ އިރު، ބައެއް އާންމުންނަށް އަނިޔާވަމުން ދާ ކަމުގެ ހަބަރުތައްވެސް އެބަ ލިބެއެވެ.

އިމްރާން ހައްޔަރު ކުރުމުން ސަޕޯޓަރުން މަގުތަކަށް ނިކުމެ ހަމަނުޖެހުން ހިންގަނީ

މުޅި ޕާކިސްތާން ހުއްޓުމަކަށް ގެނައުމަށް އިމްރާން ނިސްބަތްވާ ޕީޓީއައި އިން، ސަޕޯޓަރުންނަށް ގޮވާލާފައި ވާ އިރު ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިންވެސް މިހާރު މަގުތަކަށް ވަނީ ނިކުމެފައެވެ. ރުޅިއައިސްފައި ވާ ސަޕޯޓަރުން ކޮންޓްރޯލް ކުރަން ސަލާމަތީ ބާރުތަކުން މަސައްކަތް ކުރާއިރު ދެފަރާތުގެ ދެމެދުގައި ދަނީ ހަމނުޖެހުން އުފެދި ފުޅާވަމުންނެވެ.

މިއަދު ހައިކޯޓުގައި އިމްރާން އިންނަވަނިކޮށް ހައްޔަރު ކުރި މައްސަލައަކީ، އޭނާ އާއި އަނބިކަނބަލުން ބުޝްރާ ބީބީ ގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައެކެވެ. އެ މައްސަލަ އަކީ، އިމްރާން ވެރިކަމުގައި ހުންެނެވި އިރު އެގައުމުގެ ވިޔަފާރިވެރިއެއް (ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގެ) އެއްގެ އަތުން 239 މިލިއަން ޑޮލަރަށް އަގުމަގު ކުރެވޭ ވަރުގެ ބޮޑު ބިމެއް، އެ ދެކަނބަލުން އިސްވެ ތިއްބަވާ ހިންގަވާ އަލް ގާދިރް ޔުނިވާސިޓީ ޓްރަސްޓް ހިންގެވުމަށް ހޯއްދެވި މައްސަލައިގައެވެ. މިއާއެކު ޖުމްލަ 4 ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައި ވާކަމަށް ހަބަރުތައް ބުނެއެވެ.

ޕާކިސްތާންގެ ކޮރަޕްޝަނާ ބެހޭ އިދާރާ، ނެޝަނަލް އެކައުންޓަބިލިޓީ ބިއުރޯއިން އޭނާގެ މައްޗަށް މިތުހުމަތުތައް ކޮށް ހައްޔަރު ކުރަން އަމުރު ނެރެފައި ވާ ކަމަށް އިންޓީރިއާ މިނިސްޓަރު ރަނާ ސަނާއުއްލޯ ހާން ވަނީ ވިދާޅުވެފައެވެ.

"އިމްރާނަށް އޮންނާނީ ނޯޓިސް ފޮނުވާފައި، ނަމަވެސް އަމިއްލައަށް ހަވާލެއް ނުވި، ހައްޔަރު ކުރީ އެހެންވެ، އެއްވެސް ހަމަނުޖެހުމެއް ނުހިނގާ"
އިންޓީރިއާ މިނިސްޓަރު

އޭނާ އެހެން ވިދާޅުވި އިރު އާންމުވެފައިވާ ވީޑިއޯ ތަކުން އަދި އިންޓަވިއުތަކުން ފެންނަ ގޮތުގައި އިމްރާންގެ ލޯޔަރެއްގެ ބޯވެސް ވަނީ ފަޅާލާފައެވެ. އޭނާގެ މޫނުމައްޗަށް ލޭތައް ފައިބަމުން ދިޔަ މަންޒަރު އާންމުވި ވީޑިއޯއިން ފެނެއެވެ. ކުޑަޮދޮރުގެ ބިއްލޫރިތައް ތަޅާލާތަންވެސް ފެނެއެވެ.

އިމްރާން ހައްޔަރު ކުރުމުން ސަޕޯޓަރުން މަގުތަކަށް ނިކުމެ ފުލުހުންގެ ވެހކަލެއްގައި ރޯކޮށްލާފައި

ހަބަރުތައް ބުނާގޮތުން މި މައްސަލަތަކުގެ އިތުރުން ޓެރަރިޒަމާއި ފަސާދައާއި ކޮރަޕްޝަނާއި އަދި އިސްލާމް ދީނަށް ފާޑުކިޔުން ނުވަތަ ތައުހީން ކުރިކަމަށް ތުހުމަތު ކުރާ މައްސަލަތަކާއެކު ޖުމްލް 100 މައްސަލައެއް ފެންމަތި ކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު މަޖިލީހުގެ އަޣްލަބިއްޔަތުން އިތުބާރު ނެތްކަމަށް ނަގާ މަގާމުން ދުރުކުރި އިމްރާނަކީ މިވަގުތުވެސް އިންތިހާބަކަށް ވަޑައިގެންފި ނަމަ ކާމިޔާބު ކުރާއްވާނެ ބޭފުޅެއް ކަމަށް އެގައުމުގެ ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. އޭނާގެ ސަޕޯޓް ބޮޑު ކަމަށް ހިޔާލު ހޯދުމުގެ ވޯޓުންވެސް ދައްކައެވެ.

އިމްރާން އެ ސްކޫލު ހައްދަވަން މާލިކް ރިއާޒް ކިޔާ ވިޔަފާރިވެރިޔާގެ އަތުން ބިން ހޯއްދެވުމުން އަގުމަގު ކުރާ އިރު ޖެހޭ 239 މިލިއަން ޑޮލަރަކީ ދައުލަތުގެ މާލިއްޔަތަށް ލިބެން ޖެހޭ ފައިސާ ކަމަށް އެންޓި ކޮރަޕްޝަން ބޯޑުން ބުނެއެވެ. އެ ބިން ރިއާޒް އަތުން އިމްރާން ހޯއްދަވާފައިވަނީ މުގާބިލުގައި ކޮންމެވެސް ހިދުމަތެއް އޭނާއަށް ލިބޭ ގޮތަށެވެ. އެތަފްސީލުތަކެއް އަދި ނެތެވެ.

2019 ވަނަ މި ރިއާޒް ވަނީ، އިނގިރޭސިވިލާތުގެ ނޭޝަނަލް ކްރައިމް އެޖެންސީން ހިންގި ތަހުގީގެއްގައި ވަގު ފައިސާ ގެންގުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުވެފައެވެ. އެއާއެކު އޭނާ ވަނީ އިމްރާން ދެއްވި މި ބިިމުގެ ވާހަކަވެސް ކިޔައިދީފައެވެ.

އިމްރާން ހައްޔަރު ކުރުމާ ގުޅިގެން ހިނގަމުން ދާ ހަމަނުޖެހުންތަކާ ހުރެ ޕަކިސްތާންގެ ސަރުކާރުން މިހާރު ވަނީ ސޯޝަލްމީޑިއާ އެކްސެސް އާންމުކޮށް ކަނޑާލާފައެވެ. ޓްވިޓާ، ފޭސްބްކް އަދި ޔޫޓިއުބް ފަދަ ހިދުމަތްތައް ވަނީ ކަނޑާލާފައެވެ. މިވަގުތު އެންމެ ބޮޑަށް ހަމަނުޖެހުން ހިނގަމުން ދަނީ ކަރާޗީ، ލާހޯރު އަދި ޕެޝާވަރުގައެވެ.