ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކުށުގައި ފުލުހުންނާ އަމިއްލަ އަށް ހަވާލުވި އިބްރާހީމް ފައިހް ނިޒާމް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ގްރޫޕް ހަދައިގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފައިހް ހޯދަން ފުލުހުން ފުރަތަމަ އިއުލާނުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15 ގައެވެ. އޭގެ މަސް ދުވަސް ފަހުން އޭނާ ހޯދުމަށް ފުލުހުން ދެވަނަ ފަހަރަށް އިއުލާނުކުރިއެވެ.

ފިލައިގެން އުޅުމަށްފަހު ފައިހް ފުލުހުންނާ އަމިއްލައަށް ހަވާލުވީ މިދިޔަ މާޗް މަހުގެ 23 ގައެވެ. އޭގެ ދެ ދުވަސް ފަހުން ކޯޓަށް ހާޒިރުކޮށް، މަސް ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. އަދި ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައި ވެއެވެ.

ފައިހްގެ ބަންދަށް 15 ދުވަސް އޭރު އިތުރުކޮށްފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ދައުލަތުން ކޯޓުގައި އެދިފައި އޮއްވައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފެށުމަށެވެ. ނަމަވެސް ފައިހާ ބައްދަލުނުކުރެވި އޮތުމުން ކަމަށް ވިދާޅުވެ، އޭނާގެ ވަކީލު އާދަމް އާސިމް އެދިވަޑައިގަތީ ފައިހަށް ކުރެވުނު ދައުވާތަކަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ.

އެހެންވެ، އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ފައިހަށް ޖަވާބުދާރީވުމަށް ފުރުސަތެއް އިތުރު ދެއްވައިފައެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް، ޝަރީއަތް ނިމެންދެން ފައިހް ބަންދުކުރުމަށް ދައުލަތުން ވަނީ އެދިފައެވެ. މީގެ ކުރިން ފައިހް ފިލައިގެން އުޅެފައިވާތީ، ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ.

ފައިހްގެ މައްޗަށް ދައުލަތުން ކުރަނީ، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.