ބޮޑުވަޒީރު ކަމުގައި އިމްރާން ހުންނެވި އިރު ލިބިވަޑައިގެންނެވި ބައެއް ހަދިޔާ، ދައުލަތަށް ނުދައްކާ ވިއްކެވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރަން މީގެ ކުރިންވެސް މަސައްކަތް ކޮށް ނުވެ އޮއްވާ މިއަދު ކޯޓަށް ވަޑައިގަން ތަނުން ހައްޔަރު ކޮށްފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވާ އިމްރާން ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ޕީޓީއައި ގެ އޮފިޝަލެއް ވިދާޅުވީ، މިއަދު އިމްރާން ހައިކޯޓަށް ވަޑައިގެންނެވި ތަނުން ހައްޔަރު ކޮށްފައި ވާ ކަމަށާއި، މުޅި ކޯޓު އިމާރާތް ފުރެންދެން އޮތީ ފުލުހުންނާއި ފުލުހުންނަށް އެހީތެރިވެދޭ ފަރާތްތަކުން ފުރާލާފައި ކަމަށެވެ. އަދި އިމްރާންގެ ލޯޔަރުންނަށް ހުރަސް އަޅާފައި ވަކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އިމްރާން ހައްޔަރު ކުރުމަށް އަމުރު ނެރެ އޭނާ ދިރިއުޅުއްވާ ގެ އަށް ފުލުހުން ވަދެގަތެވެ. ނަމަވެސް އިމްރާންގެ ސްޕޯޓަރުން ހުރަސް އަޅާ ހަމަނުޖެހުން އުފައްދަން ފެށުމުން އެފަހަރު ހައްޔަރު ނުކޮށް ފުލުހުން ދިޔައެވެ.

އިމްރާން އޭރު ވިދާޅުވެފައި ވަނީ، އޭނާ ހައްޔަރު ކުރަން އުޅެނީ ސިޔާސީ ގޮތުން ކަމަށާއި ގާނޫނޫތަކާ ހިލާފަށް އޭނާގެ ގޭގެ ގޯތިތެރެއަށް ޕެޕާސްޕްރޭވެސް ޖަހާފައި ވާ ކަމަށެވެ. އިތުރަށް އޭރު ވިދާޅުވެފައި ވަނީ، އޭނާ ހުންނެވީ ހައްޔަރު ކޮށް، ގޮޅިއަށް ލާނެ ކަމަށް ތައްޔާރުވެ ވަޑައިގެން ކަމަށާއި ގޮޅީގައި ކިތަންމެ ރެއަކު އޮންނަވަން ޖެހިވަޑައިގަތަސް ފަރުވާލެއް ނެތް ކަމަށެވެ.

ޕާކިސްތާންގެ ސިޔާސީ މަސްރަހު ފެންނަ ގޮތުން، ވެރިކަމުން އިމްރާން ދުރުކުރި ފަހުން އޭނާގެ މަގުބޫލުކަން ވަނީ ބޮޑުވެފައެވެ. ވެރިކަމުން އޭނާ ދުރުކުރީ މިދިޔަ އަހަރުގެ އެޕްރީލްގައެވެ. އެއަށް ފަހު މިހާރުގެ ބޮޑުވަޒީރު ޝޭހްބާޒް ޝަރީފްގެ ސަރުކާރަށް ޕްރެޝާ ކުރުމާއި އިންތިހާބު އަވަސް ކުރުމަށް ގޮވާލައި އިމްރާންގެ ޕާޓީން ބޮޑެތި މުޒާހަރާތަކާއި ހިނގާލުންތައް ދަނީ ބާއްވަމުންނެވެ. ބައެއް ފަހަރު ހަމަނުޖެހުންތައް ހިނގި ނަމަވެސް ޕާކިސްތާންގެ ބޮޑެތި ހުރިހާ ސިޓީއެއްގެ މެޖޯރިޓީ އޭނާ އަށް އޮތް ކަމަށް މުރާސިލުން ބުނެއެވެ.

މިފަދަ އެއް ހިނގާލުމުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަމަނުޖެހުމެއް ހިނގާ، އިމްރާނަށް އަމާޒުކޮށް މީހަކު ވަނީ ބަޑިން ހަމަލާ ދިނެވެ. އެ ހަމަލާގައި އިމްރާންގެ ފަޔަށް ވަޒަން އެރި އިރު ކައިރީގައި ހަރަކާތްތެރިވި ސަޕޯޓަރަކު ވަނީ މަރުވެފައެވެ.

އިމްރާން ތުހުމަރު ކުރައްވާ ގޮތުގައި އެ ހަމަލާގެ ފަހަތުގައި ހުންނެވީ މިހާރުގެ ބޮޑުވަޒީރާއި އޭނާއަށް ތާއީދު ކުރާ ފަރާތްތަކެވެ.