އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިން ރައީސްގެ މޮޓޯކޭޑް އަށް ހުރަސްއެޅި މައްސަލާގައި ސަސްޕެންޑް ކުރި ކޮމާންޑިން އޮފިސަރު، ކާނަލް އަބްދުﷲގެ މަގާމު މަތި ކޮށްފިއެވެ.

މަގާމުގެ ކުރިއެރަމަށް ބަލާއިރު އަބްދުﷲ އިބްރާހިމްއަށް ދީފައި ވަނީ ބްރިގޭޑިއާ ޖެނެރަލްކަމެވެ. ސިފައިންގެ ރޭންކް ތަކަށް ބަލާނަމަ މިއީ އެންމެ މަތިން ހަތަރު ވަނަ ރޭންކެވެ.

މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާއާއި ގުޅިގެން މީގެ ކުރިން އަބްދުﷲ އިބްރާހިމް ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އެ މައްސަލާގައި އެމްއެންޑީއެފުން މާޗް 21 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން އެކަހެރި ކުރީ އެފަދަ ކަމެއް ދިމާވުމުން އެ އިދާރާ އިން އަމަލުކުރާ ޕްރޮސީޖަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެއާއެކު ކޮމާންޑިން އޮފިސަރުގެ މަގާމަށް ވަގުތީ ގޮތުން އައްޔަން ކުރެއްވީ މޭޖަ އިބްރާހިމް ހަލީމްއެވެ. މާޗް 20 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އަބްދުﷲ އިބްރާހިމްގެ އިތުރުން އެމްއެންޑީއެފްގެ އިތުރު އޮފިސަރުުން ތަކެއްވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތް ބަލަން އެމްއެންޑީއެފުން ވަނީ ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލާ ފައެވެ.

މީގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެ މައްސަލަ ބަލާ، ޑިފެންސް މިނިސްޓަރު އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައިވެއެވެ. އިދިކޮޅު ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރިއަށް ދަނިކޮށް ރައީސް ސޯލިހްގެ މޮޓޯކޭޑް ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.

މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވިއިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރި ވެފައި ވެއެވެ.

އެކި އިދާރާތަކުން މައްސަލަ ބެލި ނަމަވެސް އެއްވެސް މީހަކަށް ގާނޫނީ ފިޔަވަޅެއް އެޅާފައި ނުވާއިރު މި މައްސަލައާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދަނީ އެކަކު އަނެކަކަށް ދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.