ކުރީގެ ފިރިމިހާ، މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް އާއެކު ކޯޓުގައި ބޮޑު ކޯޅުންގަނޑެއް ކުރިއަށް ގެންގޮސް ކޯޓުގެ ނާކާމިޔާބު ވުމުން ހޮލީވުޑްގެ ބަތަލާ އެމްބާ ހާޑް، ހޮލީވުޑް ދޫކޮށްލައިފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
މަޝްހޫރު ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ އެމްބާގެ ގާތް އެކުވެރިއަކާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނީ އެމްބާ މިހާރު ހޮލީވުޑް ދޫކޮށް ސްޕެއިންގެ މެޑްރިޑަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެމްބާ މެޑްރިޑަށް ބަދަލުވީ ދަރިފުޅު ވެސް ގޮވައިގެންނެވެ. ސޯޝަލް މީޑިއާއިން ވެސް މަދުމަދުން ފެންނަ އެމްބާ ގެ ކޯޓުގެ މައްސަލައިގެ ސަބަބުން ހޮލީވުޑްގެ ޕްރޮޖެކްޓްތަކުން އޭނާ އަށް ވަނީ ފުރުސަތު ލިބޭ ގޮތް ނުވެފައެވެ. އެމްބާގެ އެކުވެރިޔާ ބުނީ ހޮލީވުޑްގެ މަސައްކަތްތަކުން ބްރޭކެއް އެމްބާ ނެގި ނަމަވެސް ރަނގަޅު ވަގުތު އައިސްޖެހުމުން އޭނާ އަލުން އެނބުރި ހޮލީވުޑްގައި މަސައްކަތްކުރާނެ ކަމަށެވެ. މިވަގުތު އެމްބާ އަށް މުހިއްމީ ދަރިފުޅު ކަމަށާއި މީހުންގެ ވާހަކަތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ދަރިފުޅު ރަނގަޅަށް ބޮޑުކުރަން އެމްބާ ބޭނުންވާ ކަމަށްވެސް އޭނާގެ ގާތް އެކުވެރިޔާ ވަނީ މީޑިއާތަކުގައި ބުނެފައެވެ.
އެމްބާ އާއި ޑެޕްގެ ވަރިއަށްފަހު، ގެވެށި އަނިޔާގެ ތުހުމަތުތަކާ އެކު ޕަބްލިކް އަޑުއެހުންތަކެއް މީގެ ދުވަސްކޮޅެއް ކުރިން ކުރިއަށް ގެންދިޔައިރު އެ މައްސަލަ ނިމިގެން ދިޔައީ ޑެޕް އާ އެއްކޮޅަށެވެ. އޭނާއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ވާ މީހެއް ކަމަށް ބުނެ، އެމެރިކާގެ ދުވަހު ނޫހެއްގައި ހާޑް ލިޔުނު ލިޔުމަކީ ޑެޕްގެ އަބުރަށް ހުތުރުވާ ގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށް ބުނެ، ޑެޕް ކޯޓަށް ވެއްދި މައްސަލާގައި ޖޫރީއިން ވަނީ ޑެޕްއަށް 15 މިލިއަން ޑޮލަރުގެ ބަދަލެއް ހައްގު ކަމަށް ނިންމާފައެވެ. އެއީ ހާޑް ލިޔުނު ލިޔުމުގެ ބައްދަލެއްގެ ގޮތުންނާއި ލިބުނު ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައެވެ.
މި ދެމީހުންގެ ކޯޓުގެ ކޯޅުންގަނޑަށް މިހާރު ފިލްމެއް އުފައްދަންވެސް ވަނީ ނިންމާފައެވެ. "ހޮޓް ޓޭކް: ދަ ޑެޕް/ހާޑް ޓްރަޔަލް" ގެ ނަމުން ނަންދީފައިވާ މި ވެބް ފިލްމުގައި ދައްކާނީ ހަ ހަފްތާގެ މުއްތަދަކަށް ކޯޓުގައި ޖެހި ސަކަރާތުގެ ވާހަކައެވެ. ޖޫން މަހު ޖޯނީ ޑެޕްގެ ކޮޅަށް މި މައްސަލަ މޮޅުވެގެން ދިޔައިރު އެމްބާ ހާޑް ކޯޓަށް މައްސަލަ ހުށައެޅީ ޑެޕްގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އެޅުވުމަށްފަހުއެވެ. ޑެޕަކީ ގެވެށި އަނިޔާ ކުރާ ފިރިހެނެއްކަމަށް ބުނެއެވެ. މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަގުތުން މަންޒަރުތައް ބަލަމުން ދިޔަ ޑެޕްއާއި ހާޑްގެ ޝަރީއަތުގެ އަޑުއެހުންތަކުގައި، ޑެޕްއާއި ހާޑްވެސް ވަނީ އެކަކު އަނެކަކު ދެއްކި ވާހަކަތަކަށް އިންކާރުކޮށް، ދިރިއުޅުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތުގެ ވާހަކަ، ތަފާތު ގޮތް ގޮތަށް ހިއްސާ ކޮށްފައެވެ.