ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބާތިލް ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ.

ރައީސް ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވާފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބަހާފައިވާއިރު ޗާގޯސް މައްސަލައިގައި މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށް ބުނެއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މުހައްމަދު މުސްތާގް އަދި ރިޓަޔާޑް ލ. ކާނަލް ޒުބައިރު އަހުމަދު މަނިކުގެ ނަމުގަ އެވެ. އަދި އެ މައްސަލައިގައި އެދިފައި ވަނީ، ރައީސް ސޯލިހުގެ ފަރާތްޕުޅުން ފޮނުވި ސިޓީ ބާތިލް ކޮށްދިނުމަށާއި އެ ސިޓީ އާންމު ކޮށްދިނުމުގެ އިތުރުން އެ މައްސަލައިގައި ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ބާތިލް ކޮށްދިނުމަށް އެދިއެވެ.

އެ ސިޓީއާ މެދު މީގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ، ލީކްވެގެން ކަމަށް ބުނެ އާންމު ކުރަނީ ސިޓީ ނޫން ކަމަށެވެ. އަދި ސިޓީގައި އޮތް ވާހަކަ އިޓްލޮސް އިން ނިންމި މައްސަލައިގެ ހުކުމުގައި އެބައޮތް ކަމަށެވެ. އެ ހުކުމުގައި އޮތީ، ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އައިސީޖޭ އިން އދ އަށް ދިން އިޝްތިޝާރީ ލަފައާ އެއްގޮތަށް ބަލައިގަނެ އދ ގައި ރާއްޖެއިން ވޯޓު ދޭނެ ކަމަށާއި، ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ދަތުރު ކުރަން ބޭނުންވާ މޮރިޝަސްގެ އުޅަނދު ފަހަރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އިޓްލޮސް އިން ވަނީ ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާފައެވެ. އިކުއި ޑިސްޓެންސްކޮށް އެ ސަރަހައްދު ބަހާލުމުން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބިފައި ވާއިރު މޮރިޝަސްއަށް ލިބިފައި ވަނީ 45،331 އަކަ ކިލޯމީޓަރެވެ.

ޗާގޯސް އައިލޭންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް އަންގަވާފައި ވާއިރު، މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް ވޮލަންޓިއާ ކޮށް މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފު ނުވެއެވެ.