އެތައް ފަހަރެއްގެ މަތިން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފަށައިފިއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ހއ.، ހދ.، އަދި ށ. އަތޮޅު ހިމެނޭ މަތި އުތުރު ސަރަހައްދުގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 29 ގައި ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ މައްސަލައިގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން ކުއްޖާ އަށް ގިނަ ބަޔަކު އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާކޮށްފައި ވެއެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން، އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އެފަދަ މައްސަލައެއް އެ މިނިސްޓްރީ އަށް ހުށަހެޅިފައިވާ ކަމަށާއި، މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ދީފައިވާ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހު ފުލުހުން ވަނީ 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ރާއްޖެތެރޭ ރަށެއްގެ ސްކޫލެއްގައި ކިޔަވަމުންދާ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މެދު ދެކުނުގެ ރަށަކުން ހައްޔަރުކުރީ ޤުރްއާން ކިޔަވައިދޭ ޓީޗަރެކެވެ.