އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް އެމްއާރްއެމުން 8 މެންބަރަކު އިސްތިއުފާ ދީފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެމްއާރްއެމުން ބުނީ، އެ 8 މެންބަރުންގެ ތެރެއިން 7 ބޭފުޅުންނަކީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

އެމްއާރްއެމުން ވަކިވި މެންބަރުން

  1. މުހައްމަދު ފައިސަލް - ޔޫއޭއީގެ ޑެޕިއުޓީ އެމްބެސެޑަރު
  2. ތަޒްމީލް އަބްދުއްސަމަދު - އެމްޓީޑީސީގެ އެމްޑީ
  3. އަބްދުލް ހަމީދު އަހްމަދު - ޕިޝަރީޒް މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު
  4. މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ އެމްޑީ
  5. ޝަޒާއިލް ޝިއާމް - މޯލްޑިވް ގޭސްގެ އެމްޑީ
  6. އިބްރާހިމް ފަރުހާދު- ޓުރިޒމް މިނިސްޓްރީގެ ސީނިއާ ޕޮލިީ ޑިރެކްޓަރު
  7. އިސްމާއިލް ނާއިލް ނަޝީދު - ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން
  8. ހަސަން ހައްޔާން އަހްމަދު - އެމްއާއެމް އެކްސްކޯ މެންބަރެއް

މި ފަރާތްތަކުން އެމްއާރްއެމުން އިސްތިއުފާ ދީފައި ވަނީ، ރައީސް ސޯލިހް ދެވަނަ ދައުރަަކަށް ކުރިމަތިލައްވާތީ އެ މަނިކުފާނަށް ތާއީދު ކުރައްވާތީ ކަމަށް ވިދާޅުވެފައި ވެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ތާވަލް ކޮށްފައިވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްއާރުއެމް އިން ދަނީ ޖޭޕީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރަމުންނެވެ. މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާ އިރު، 3000 މެންބަރުން ކިރިޔާ ހަމަވާ އެމްއާރުއެމް ގެ ޑިމާންޑަތައްވެސް ގިނައެވެ.

އަދި އެމްއާރުއެމްގެ ބައެއް ސަޕޯޓަރުންނާއި ފާރިސްގެ ބައެއް ސަޕޯޓަރުން ގެންދަނީ ފާރިސް އަކީ ރައީސަކަށް ރަނގަޅު ބޭފުޅެއް [ޕްރެޒިޑެންޝަލް ކެންޑިޑޭޓެއް] ކަމަށް ބުނެ ސޯޝަލްމީޑިއާގައި ޕްރޮމޯޓު ކުރަމުންނެވެ. އަދި ފާރިސް އަމިއްލައަށް ވެސް އެމޭރުމުން ބައެއް ތަންތާނގައި ވާހަކަ ދައްކަވާފައި ވެއެވެ.

އެމްއާރްއެމްގް މެންބަރުންތަކެއް އިސްތިއުފާ ދެއްވާފައި ވާއިރު، މި ސަރުކާރާއެކު ކޯލިޝަންގައި އޮތް، އަދި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީން ވެސް ވަނީ ގިނަ މެންބަރުންތަކެއް ވަކިވެފައެވެ. އޭގެތެރެގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އިސްތިއުފާ ދެއްވާފައި ވާއިރު، އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވާފައެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު މުހައްމަދު (ހަނަފީ) ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ޖޭޕީ ދޫކުރައްވާފައެވެ.