78 ފުޅި ބަނގުރަލާއެކު މާމިގިލިން 3 ޒުވާނުން ހައްޔަރު ކޮށްފިއެވެ.
އެ ތިން މީހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއް ގައެވެ.
މާާމިގިލީގައި ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 3 ދިވެހި ފިރިހެނުންނެވެ. އެއީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހެކެވެ.
މެއި މަހުގެ 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު އުތުރު ފަރާތު ގޮނޑުދޮށުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރި އިރު 78 ފުޅި ބަނގުރާ ފެނިފައިވާއިރު އެ މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
އެ މައްސަލަ މާމިގިލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.