ބޭންކް އޮފް މޯލްޑިވްސް އިން އދ. މާމިގިލީގައި ދެމުންދާ ބޭންކިން ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އާ ބްރާންޗެއްގެ ބިންގާ އަޅަފިއެވެ.

މި ބިންގާ އެޅުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، މާމިގިލީގައި އާ ބްރާންޗްގެ ބިންގާ އަޅައި، މުޅި އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއެކު، މި ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ މި ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ބޭންކުގެ ހިދުމަތްތައް އިތުރަށް ފަސޭހަކޮށްދެމުން ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 190 ސެލްފްސާވިސް ބޭންކިން ސެންޓަރު، 248 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިހާރުވެސް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އދ. މަހިބަދޫގައި ގާއިމުކޮށްފައިވާ ބްރާންޗް މެދުވެރިކޮށް ހިދުމަތް ދެމުންނެވެ.