މާމިގިލީ މަގުތަކުގައި ތާރުއަޅައިގެން ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް ނުފެށި 4 އަހަރު ވުމަށްފަހު، މިއަދު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. ޢަބްދުﷲ މުއްތަލިބްއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ނަޒީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާމިގިލީ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ. މަގުތަކަށް ދިމާވެފައި އޮތް މައްސަލަތައް ހައްލުވާނެ ގޮތްތަކާ، ވިއްސާރަ މޫސުމުގައި މަގުގައި ފެންބޮޑުވުން ކުޑަވާނެގޮތްތަށް ބަލައިގެން މި މަގު ހެދުމުގެ މަސައްކަތް 2021 ވަނަ އަހަރު ޖެނުއަރީގައި ވަނީ ފަށާފައެވެ. އެހެންނަމަވެސް މަގުތައް ތަރައްގީކުރަން ފެށިފަހުން މަގުގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަން ރައްޔިތުންނާއި ކައުންސިލުން ބޭނުންވުމާ ގުޅިގެން މި މަސައްކަތް ވަނީ މަޑު ޖައްސާލާފައެވެ.

މާމިގިލީ މަގުތަކުގައި ތާރަށް ވުރެ ކުރިން އަޅާ ހިލަވެލި ފަށަލަ (އޭބީސީ ފަށަލަ) އެޅި ގޮތަށް މަސައްކަތް ހުއްޓިފައި އޮންނަތާ 4 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިއަދު މި މަޝްރޫއުގެ އަމަލީ މަސައްކަތް އާރްޑީސީން ވަނީ ފަށާފައެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގް އެންޑް އިންފްރަސްޓްރަކްޗާއިން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 4.89 ކިލޯ މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 95 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.