އދ. މާމިގިލީ ފެހުރިހި ޔޫތު އެސޯސިއޭޝަންގެ ގުދަނުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާމިގިލި ފަޔާ ސްޓޭޝަނަށް މި ހާދިސާގެ މައުލޫމާތު މިރޭ 21:30 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 22:13 ހާއިރެވެ.
މި ހާދިސާގައި ގުދަނުގައި ހުރި ތަކެއްޗަށް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެެވެ.
މިއަދު ވެސް ހުޅުމާލެ ފޭސް 3 ގައި ކުރިން މީހުން އުޅުނު އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ.
އަދި ހަމަ އެހެންމެ ހުޅުމާލޭގައި މިއަދުގެ އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު ރ. އަލިފުށީ ގެއެއްގައި ރޯވެ މީހުން ދިރިނޫޅެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި ހަމަ އެ ރޭ ދަންވަރުގެ ވަގުތެއްގައި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ދަންވަރު 02:50 ހާއިރުކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.
