ސަޢުދީ އަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ "43 ވަނަ ކިންގް އަބްދުލްއަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ގުރްއާން"، މުބާރާތުގައި ރާއްޖޭގެ ދެ ފަރާތެއް ބައިވެރިކުރުމަށް ނިންމާ، އެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ އޮގަސްޓް 25، 2023 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 6، 2023 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން 2 ބައިވެރިޔަކު ބައިވެރި ކުރުމުގެ ފުރުސަތު ލިބިފައި ވާކަމަށެވެ. މިގޮތުން މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން މުބާރާތުގައި ބައިވެރި ވެވޭނެ ގޮފިތަކަކީ ގުރްއާން އެއްކޮށް ހިފްޒު ކޮށްފައި ވުމާއެކު، ރިވާޔަތާއި ދިރާޔަތާއެކު ސާތިބިއްޔާ އާއި ތައިސީރުގެ މަގުން ތަވާތުރުވެގެންވާ 7 ގިރާއަތަށް ކީރިތި ގުރްއާން ތަޖުވީދުގެ މަގުން ކިޔަވަން އެނގުމުގެ އިތުރުން މުޅި ގުރްއާން އެއްކޮށް ހިތުދަސް ކޮށްފައި ވުމާ އެކު ގުރްއާނުގެ މުފްރަދާތުތަކުގެ ތަފްސީރު އެނގުމެވެ. މީގެ އިތުރުން މުޅި ގުރްއާން އެއްކޮށް ހިތުދަސް ކޮށްފައި ވުމާ އެކު ކީރިތި ގުރްއާން ތަޖުވީދުގެ މަގުން ކިޔަވަން އެގުމާއެކު ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސްކޮށްފައި ވުމެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި މިމުބާރާތުގައި މީގެ ކުރީގެ އަހަރެއްގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުމުގެ އިތުރުން ހިޖްރީގޮތުން 25 އަހަރު ފުރިފައި ނުވުން ހިމެނެއެވެ. ހަމައެކަނި ފިރިހަނުންނަށް ހާއްސަކޮށްގެން ހުޅުވާލި މި ފުރުސަތުގައި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖޫން 6، 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ސިޓީ އާއި ވަނަވަރު އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުމަށް ގުރުއާނާ ބެހޭ މަރުކަޒުން ވަނީ އެދިފައެވެ.