ކީރިތި ގުރުއާން ހިތުދަސްކުރާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާތީ، ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގައި ހާފިޒުން އިމްތިހާނު ކުރުމުގެ ނިޒާމް އިތުރަށް ފުޅާކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ މި ބަދަލާއެކު، އެއް ވަގުތެއްގައި ގިނަ ދަރިވަރުންނަށް އިމްތިހާން ކުރިއަށް ގެންދިއުމުގެ މަގު ފަހިވެގެންދާނެކަމަށެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މި ފިޔަވަޅުގެ ބޭނުމަކީ ގުރުއާން ހިތުދަސްކޮށް، އިމްތިހާނަށް ތައްޔާރުވެފައިވާ ދަރިވަރުން ކިޔޫގައި ތިބެންޖެހޭ ވަގުތު ކުޑަކޮށް ވީހާވެސް އަވަހަކަށް އެކުދިންގެ އިމްތިހާންތައް ނިންމާ ހާފިޒުކަމުގެ ސަނަދު ދިނުމެވެ.
މި އަހަރުގެ ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ހާފިޒުން ދަސްވެނިވެގެންދިޔަ ރަސްމިއްޔާތަށްވާއިރު، މި ރަސްމިއްޔާތުގައި 31 ހާފިޒުން ވަނީ ދަސްވެނިވެފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް 2025 ވަނަ އަހަރު 19،569،733.79 ރުފިޔާ ހަރަދުކޮށްފައިވާކަމަށާއި، ދިވެހިރާއްޖޭގައި ހާފިޒުން އަދަދު މިހާރު 301 އަށް އަރާފައިވާކަމަށެވެ. އަދި އަމާޒަކީ މި 5 އަހަރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އާއި ހަމައަށް ގެންދިއުމަށް މަސައްކަތް ކުރުންކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ފާހަގަކުރަައްވައި، މިއަހަރު 50 ގޮފި އުފެއްދުމަށް މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
