ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ސަސްޕެންޑް ކުރީ ގަވާނަންސްގެ މެނޭޖްމަންޓާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފިއެވެ.

އެ ބޯޑުން މިހެން ބުނެފައި ވަނީ އެ ބޯޑުން ނެރުނު ނޫސްބަޔާނަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ވެމްކޯގެ އެމްޑީ ސަސްޕެންޑް ކުރީ އެ ކުންފުނިން ބަލަމުންދާ ޖިންސީ ފުރައްސާއިގެ މައްސަލައެއްގެ ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައި ވަނިކޮށެވެ. ޕީސީބީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކަމާ ގުޅިގެން މީގެ ކުރިން އިތުރު ނޫސްބަޔާނެއް ނެރެފައި ނުވާނެ ކަމަށާއި ނޫސްތަކުގައި ފަތުރާފައި ވަނީ ދޮގު ހަބަރެއް ކަމަށެވެ.

ހަމައެއާއެކު ސިރާޖާ ގުޅުން ހުރި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ އެ ބޯޑުން ބަލަމުން ނުދާ ކަމަށާއި އެ ފަދަ މައްސަލައެއް އޭނާއާ މެދު ތުހުމަތު ކުރެވިފައިވެ ސް ނުވާ ކަމަށް ޕީސީބީ އިން ބުނެއެވެ. އެހެންކަމުން ހަގީގަތާ ހިލާފް ދޮގު މައުލޫމާތު ނުފެތުރުމަށް އެ ބޯޑުން ވަނީ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.

ސިރާޖު ސަސްޕެންކޮށްފައި ވަނީ އެ ބޯޑުން ބަލަމުންދާ ގަވަނަންސްގެ މެނޭޖްމަންޓް މައްސަލައެއްގައި ކަމަށާއި އެހެންކަމުން އޭނާ އެމްޑީގެ މަގާމުން ތަނާޒުލްކޮށްގެން މި މައްސަލަ ބެލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނިންމާފައި ވާ ކަމަށް އެ ބޯޑުން ބުނެއެވެ. އެގޮތުން އޭނާގެ މުސާރައާއި އިނާޔަތްތަކާއެކު ދެ ހަފްތާގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައިވާ ކަމަސް ޕީސީބީ އިން ބުނެއެވެ.