ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބަލަމުންދާ ޖިންސީ ފުރައްސާއިގެ މައްސަލައެއްގެ ތަހުގީގަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އޭނާ މަގާމުން ސަސްޕެންޑް ކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޭނާ ސަސްޕެންޑު ކުރީ ވެމްކޯގައި އޮންނަ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއިން ބަލަމުންދާ ވެމްކޯގެ ކުރީގެ ޖެނެރަލް މެނޭޖަރަކަށް ތުހުމަތުވާ ޖިންސީ ފުރައްސާރައިގެ މައްސަލައަކަށް ނުފޫޒު ފޯރުވާފައި ވާތީ ކަމަށް ޕީސީބީއިން ބުނެއެވެ.

ޕީސީބީން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން މި މައްސަލައިގައި ސިރާޖުގެ މަސްލަހަތު އޮތުމާއެކު މައްސަލައިގެ ތެރެއަށް ނުވަނުމަށް ވެމްކޯގެ ބޯޑުން ނިންމާފައިވީ ނަމަވެސް، އެކަމާ ސިރާޖު ވަނީ ހިލާފުވެފައެވެ. އެގޮތުން ބަލާއިރު ސިރާޖު ވަނީ އެ މައްސަލަ ތަހުގީގުކުރާ ކޮމިޓީއަށް ބަދަލުތަކެއް ގެނެސް ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފަރާތް އެ މަގާމުން ވަކިކޮށް، އެހެން ބޭފުޅެއް އެ މަގާމަށް ސިރާޖު ހަމަޖައްސާފައެވެ.

ޕީސީބީއިން ސިރާޖު ސަސްޕެންޑުކޮށްފައި ވަނީ ދެ ހަފްތާގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް އެ މުއްދަތުގައި އޮފީހަށް ހާޒިރު ނުވެވޭނެ ގޮތަށެވެ. އަދި އެ މުއްދަތުގައި އޭނާއަށް މުސާރައާއި އިނާޔަތްތައް ނުލިބޭނެ ކަމަށް ވަނީ އެނގިފައެވެ.

ސިރާޖު ވެމްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭގެކުރިން އޭނާ ހުންނެވީ ޑެޕިއުޑީ އެމްޑީގެ މަގާމުގައެވެ.