މާލޭ މަޖިީދީމަގުގެ މެދަށް ވާގޮތަށްހެން ހުންނަ ޒިކުރާ މިސްކިތް ވަގުތީ ގޮތުން ހެދީންސުރެ ފެން ބިލް ނުދައްކައިގެން ފެން ކަނޑާލި މައްސަލަ ފެންމަތިވުމުން މިހަރު ބިލް ދައްކައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އިސްލާމިކް މިނިސްޓްރީ އިން ބުނީ މިހާރު އެ މައްސަލަ ހައްލުކޮށް ފެން ގުޅާފައިވާ ކަމަށެވެ.

މި މައްސަލަ ފެންމަތިވެގެން އައީ ފެން ކަނޑާލުމުން، އެ މިސްކިތުގެ މީޓަރު ހުންނަނީ ކޮންފަރާތެއްގެ ނަންމަތީގައި ބެލުމަށް މާލެ ސިޓީ ކައުންސިލުން ކުރި މަސައްކަތުން އެއީ މިނިސްޓްރީގެ ނަންމަތީގައި ހުރި މީޓަރެއްކަން އެނގި އެކަމުގައި ކައުންސިލުން މިނިސްޓްރީއަށް ސިޓީ ފޮނުވުމުންނެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ފެން ކަނޑާލާފައި ވަނީ ބިލް ނުދައްކައިގެން ކަމަށާއި އެ މީޓަރު ހުރީ އިސްލާމިކް މިނިސްޓްރީގެ ނަންމަތީގައި ކަމަށް ވެސް އެމްޑަބްލިއުއެސްސީ ބުނެފައި ވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ އެ ސިޓީގައިވާ ގޮތުން ޒިކުރާ މިސްކިތް ހުޅުވި ދުވަހުން ފެށިގެން މިހާތަނަށް އެ މިސްކިތުގެ އެއްވެސް ފެން ބިލެއް ދައްކާފައެއް ނުވެއެވެ.

މާލޭގެ މިސްކިތްތައް ބެލެހެއްޓުން އޮންނަނީ ސިޓީ ކައުންސިލަކަށް ކަމަށް ވާއިރު މީގެ ކުރިން ވެސް މާލެ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. އޭރު ދިމާވި އެއް މައްސަލަ އަކީ މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ފައިސާ ދިނަސް އެ ފައިސާއަށް ވާ ގޮތް ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވުމުން އުފެދުނު ދެބަސްވުމެކެވެ. އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ ވޭތުވެ ދިޔަ ދޮޅު އަހަރުތެރޭ މާލޭގެ މިސްކިތްތަކުގެ ބިލްތަކާއި ފޮޅާ ސާފުކުރުމަށް 11 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާނެ ކަމަށެވެ.

މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ދެ ދުވަހުގެ މުއްދަތަށް "ޗާލު މިސްކިތް" ނަމުގައި ފަންޑް ރައިޒް ކުރުމުގެ ހަރަކާތެއް ހިންގާފައެވެ. އެ ހަރަކާތުން 7 ލައްކަ ރުފިޔާ ލިބުނު ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.