އުސޫލާ ހިލާފަށް، ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް އަގުނަގާ ހައްޖަށް ގެންދާ ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރި އިއުލާނުގައިވާ ގޮތުން، ހައްޖު ކޯޕަރޭޝަންގެ އިތުރުން ތިން ކުންފުންޏަކުން މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަދީފައި ވެއެވެ. އެ ކުންފުނިތަކަކީ:

  • އަލް-ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް: 75،465ރ
  • ސިސިލްފަރު ހައްޖު އެންޑް އުމްރާ: 75،250ރ
  • އަލް-މަނާސިކް ޕްރައިވެޓް ލިމިޓެޑް: 75،000ރ

ކޮންމެ ކުންފުންޏަކަށް ވެސް ދީފައި ވަނީ 90 މީހުންގެ ކޯޓާއެކެވެ.

އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، ހުށަހަޅާފައިވާ އަގަށް ވުރެ އިތުރަށް އަގު ނެގުމާއި، ކަނޑައަޅާފައިވާ ކޯޓާ އަށް ވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމާއި، އެ އުސޫލުން ފައިސާ ނެގުމަކީ މަނާ ކަމެކެވެ.

ނަމަވެސް، ކުންފުނިތަކަށް ދީފައިވާ އަގުތަކަށް ވުރެ އިތުރަށް އަގު ނަގަމުންދާ ކަމުގެ ޝަކުވާ ބައެއް މީހުން ދަނީ ކުރަމުންނެވެ. މިކަމުގެ މައުލޫމާތު ހުންނެވި ބޭފުޅަކު "ދަ ޕްރެސް" އަށް ވިދާޅުވީ، އެކަން ހިނގާ ގޮތަކީ ފައިސާ ދެއްކި ކަމުގެ ރަސީދެއް ހައްޖުވެރިންނަށް ނުދީ، ނަގުދު ފައިސާ އިން ހައްޖުވެރިންގެ ރުފިޔާ ބަލައިގަންނަ ގޮތަށް ކަމަށެވެ.

އެ ބޭފުޅާ ވިދާޅުވީ، 70،000ރ އަށް މިހާރު ހައްޖެއް ނުކުރެވޭނެ ކަމަށާއި، ހައްޖުގެ ކަންކަން ބޮޑުވެ އަގުތައް އުފުލިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން އޮންނަނީ އެގޮތަށް ކަން އެނގިތިބެ ކުންފުނިތަކުން އެފަދައިން ބިޑު ކާމިޔާބުކޮށް، މީހުން އަތުން ފައިސާ ނަގައިގެން ހައްޖަށް ގެންދިއުން ރަނގަޅެއް ނޫނެވެ.

އެކަމަށް އެ ބޭފުޅާ ހުށަހެޅުއްވި ހައްލަކީ އިސްލާމިކް މިނިސްޓްރީން ފައިސާ ބަލައިގަނެ، ހައްޖުވެރިންގެ ނަން ނޯޓުކުރުމެވެ. އަދި އެއަށްފަހު، ފައިސާ ދެއްކި މީހުން ބިޑުކުރި ގްރޫޕްތަކާ ހަވާލުކުރުމެވެ. އޭނާ ފާހަގަކުރެއްވީ ކޮންމެ އަހަރަކު ވެސް މި މައްސަލަ ކުރިމަތިވާ ކަމަށާއި، މި މައްސަލަ އަހަރުން އަހަރަށް ބޮޑުވަމުން ދާ ކަމަށެވެ.

މީޑިއާތަކަށް ފޮނުވި މައުލޫމާތުގައި މިނިސްޓްރީން ބުނީ، ހައްޖަށް ގެންދިއުމަށް ހުއްދަދީފައިވާ ބައެއް ކުންފުނިތަކުން، ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ފައިސާ ނަގާކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ ޝަކުވާތައް ބަލައި ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެކަމަކު އަޅާނެ ފިޔަވަޅެއް މިނިސްޓްރީން ހާމަ އެއް ނުކުރެއެވެ.