އީދު އައީ ހިނިތުންވަމުން، މީރުވަހުން ޖައްވު ހުވަނދުލަމުން،" މިއީ 2022 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު، އާދެ! އެއަހަރުގެ ކުޑަ އީދު ދުވަހުގެ އިރު ފެނުން ތޮޅިލައިގެން އައި ވަގުތު، ހދ. އަތޮޅުގެ ރައްޔިތުންގެ ތެރޭ ގުގުމަމުން ދިޔަ ތަރާނާއެވެ. އެ ރައްޔިތުންނަށް ލިބިފައިވާ އުފާވެރިކަން ރަމްޒުކޮށްދޭ އެންމެ ރިވެތި ލަފުޒުތަކެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ. ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، ވަށައިގެން ކަނޑު އޮންނަ ރާއްޖޭގެ، ކަނޑުދަތުރުފަތުރުގެ ހިދުމަތަށް އެހާތަނަށް އަންނަ އެންމެ ތާރީހީ އިންގިލާބީ ބަދަލު، އެންމެފުރަތަމަ އަންނަގޮތަށް ހަމަޖެހިފައި އޮތީ އެދުވަހުގެ މެންދުރުފަހު ހދ. އަތޮޅުގެ ރަށްތަކަށެވެ.
ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) ގެ ދަށުން، ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓެއްގެ ދަތުރުތައް ފެށުމާއެކު، އަތޮޅުގެ ރައްޔިތުން ރަށު ބަންދުން ވީއްލުނީއެވެ. އަދި އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީހުގައި ކަނޑުދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އެންމެ ހެޔޮ ބަދަލުގަ ސިއްކަ ޖެހިގެން ދިޔައީއެވެ.
މުޅި ރާއްޖެ ގުޅާލެވޭ އާރްޓީއެލް ހައި ސްޕީޑް ފެރީ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މިގޮތުގެ މަތިން، "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރެއްވީ ޖެނުއަރީ 17، 2021 ވަނަ ދުވަހުއެވެ. އަދި ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރެއްވީ އޭޕްރީލް 14، 2022 ވަނަ ދުވަހުއެވެ. ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) އަދި ދެވަނަ އާއި ތިންވަނަ ފިޔަވަހީގެ ޒޯން 2 (ނ،ރ،ބ އަދި ޅ) ޒޯން 3 (ކ،އއ،އދ، އަދި ވ) ޒޯން 4 (މ،ފ،ދ،ތ އަދި ލ) ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ)، އާއެކު، ޖުމްލަ 20 އަތޮޅު ހިމެނޭހެން މުޅި ރާއްޖެއަށް އާރްޓީއެލްގެ ހިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މި މަޝްރޫއުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށާއި، ފޭސް 2 ގެ ދަށުން ޒޯން 2 ގެ ޅ. އަތޮޅަށް މިހާރުވަނީ އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ދޭން ފެށިފައެވެ. އެއީ ބޮޑުތިލަދުންމަތީގެ 41 ރަށާއި ޅ. އަތޮޅުގެ 5 ރަށާއެކު، ޖުމްލަ 46 ރަށެވެ.
ކުރިއަށްއޮތް ތަނުގައި، ބާކީ 16 އަތޮޅަށް ހިދުމަތް ދޭން ފެށި މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ އެއް ވިއުގައަކުން ގުޅާލެވިގެންދާނެއެވެ. އާރްޓީއެލްގެ ފެރީ ހިދުމަތް ފެށިގެން މިވީ އެއް އަހަރު ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ހދ. އަތޮޅުގައި 101,802 ރައްޔިތުން، ހއ. އަތޮޅުގައި 89,993 ރައްޔިތުން، ށ. އަތޮޅުގައި 61,421 ރައްޔިތުން، އަދި ޅ. އަތޮޅުގައި 9,111 ރައްޔިތުން، އެކު ޖުމްލަ 262,327 ރައްޔިތުން އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ވަނީ ބޭނުންކޮށްފައިވެއެވެ. އަދި މި މުއްދަތުގައި، ހދ. އަތޮޅުގައި 4,599 ދަތުރު، ހއ. އަތޮޅުގައި 5,546 ދަތުރު، ށ. އަތޮޅުގައި 3,280 ދަތުރު، ޅ. އަތޮޅުގައި 1,076 ދަތުރު، އެކު ޖުމްލަ 14,501 ޝެޑިއުލް ދަތުރު ވަނީ ކޮށްފައެވެ. ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެނީ ނޮވެމްބަރު 2022 އިން ފެށިގެން މިހާތަނަށް އެއްވެސް ދަތުރެއް ކެންސަލް ނުކޮށް ހަފްތާގެ ކޮންމެ ދުވަހަކު އާރްޓީއެލްގެ ދަތުރުތަށް ދަނީ ކުރެވެމުންނެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް ހިދުމަތުގެ ދަށުން ފެރީ އަދި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާތަނަށް 514 މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ.
މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. ފުރަތަމަ ޒޯނުގެ ތިން އަތޮޅާއި ދެވަނަ ޒޯނުގެ ޅ. އަތޮޅުގައި ހިދުމަތް ފަށާފައި މިވަނީ، ޒަމާނީ، ދުވެލި ހަލުވި، އުޅަނދު ތަކެއްގައެވެ. މިގޮތުން، ކުރިއަށްވުރެ އެތައް ގުނައެއް އަވަސްކޮށް ބާރު ދުވެލީގައި މިހާރު ދަތުރުކުރެވޭނެއެވެ. އެއާކޯން ކުރެވިފައިވާ މިއުޅަނދުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭ ގޮތަށް އަދި ބަލިމީހުން އުފުލުމަށްވެސް ފަސޭހަވާނޭގޮތަށް ފަރުމާކުރެވިފައެވެ.
މީގެ އިތުރުން، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހިދުމަތުގައި ދަތުރުކުރާ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ދަފުތަރުގައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ސްކޫލް ކުދިން ޔުނިފޯމްގައި ތިބޭނަމަ، އެކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ. އުޅަނދުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭނެ ޖާގަ ހާއްސަ ކޮށްފައި ހުންނާނެއެވެ. މިއީ، ރާއްޖޭގެ މޫސުމާ، އޮއިވަރާ، ބާންޏާއި، ރާޅަށް ރިއާޔަތް ކުރެވިގެން، ދެ މޫސުމަށް ވެސް، ފަހިވާނޭހެން ބަނދެފައިވާ، ކަނޑަށްވެސް ގަދަ އުޅަނދުތަކެކެވެ. މި ހިދުމަތް ހަފްތާއަކު 7 ދުވަހު ރައްޔިތުންނަށް ފޯރުކޮށްދޭނެއެވެ.
އާރްޓީއެލް ހައި ސްޕީޑް ފެރީ ނިޒާމްގެ ޒަރީއާއިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބިގެންދާނެއެވެ. މިގޮތުން، ލޯކަލް ޓޫރިޒަމް އަދި މި ފަހުން ތައާރަފު ކުރި ހޯމްސްޓޭ ޓޫރިޒަމް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކައިރި ރަށްރަށުގައި ވަޒީފާ އަދާކުރުމުގެ އިތުރުން ތައުލީމު ހާސިލްކުރުމަށް ހުރި ފުރުސަތުތަކަށްވެސް ލުއިފަސޭހަކަން ލިބިގެންދާނެއެވެ. ހަމައެހެންމެ އަތޮޅު ހޮސްޕިޓަލްތަކަށް އަދި އަތޮޅު ވެރިކަންކުރާ ރަށްރަށުން ބޭނުންވާ ސިއްހީ އަދި އިދާރީ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ވީމާ، އާރްޓީއެލް ހައި ސްޕީޑް ފެރީ ހިދުމަތުގެ ސަބަބުން ސިއްހީ އަދި އިދާރީ ހިދުމަތް ހޯދުމަށް، ދިރިއުޅޭ ރަށުން އިރާކޮޅު ފުރައިގެންގޮސް، ހިދުމަތް ހޯދުމަށްފަހު، ހަމަ އެދުވަހު އެނބުރި އާދެވޭނެ މަގުވެސް މިވަނީ ފަހިވެފައެވެ.
ރައީސް ސޯލިޙު، 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ، ހިންގާ މަޝްރޫއުތައް އެއީ ހަމައެކަނި ދިރިތިބުމަށްޓަކައި ކުރާ ކަންކަމުގެ އިތުރަށް، ދިރިއުޅުމުގެ މަގުކޮށައި އަލިކޮށްދޭ ވަސީލަތްތައް ކަމުގައި ހެދުމެވެ. ހަމަގައިމުވެސް، އެމަނިކުފާނުގެ ބަސްފުޅުގެ ތެދުކަން ބޮޑު ތިލަދުންމަތިންނާއި ފާދިއްޕޮޅު އަތޮޅުން މިއަދު އެދަނީ ފެންނަމުންނެވެ. އާރްޓީއެލް ފެރީ ދަތުރުގެ ހިތްގައިމުކަމާއި، އުޅަނދުފަހަރުގެ ރީތި ކަމާއި، ހިދުމަތް ދޭން ތިބޭ އެމްޓީސީސީ މުވައްޒަފުންގެ އޯގާތެރިކަމާއި، ޖީބަށް ލުއިވެގެން ދިޔަ ވަރާއި، އެރަށަށް ގޮއްސަ މިރަށަށް އާދެވޭލެއް އަވަސްކަމުގެ ވާހަކަ، މީސްމީޑިއާގައި ދައުރުނުވާ ދުވަހެއް، ނުދެއޭ ދެންނެވުން އެއީ ކުށް ބަހަކަށް ނުވާނެއެވެ.
މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. ފުރަތަމަ ޒޯނުގެ ތިން އަތޮޅާއި ދެވަނަ ޒޯނުގެ ޅ. އަތޮޅުގައި ޚިދުމަތް ފަށާފައި މިވަނީ، ޒަމާނީ، ދުވެލި ހަލުވި، އުޅަނދު ތަކެއްގައެވެ. މިގޮތުން، ކުރިއަށްވުރެ އެތައް ގުނައެއް އަވަސްކޮށް ބާރު ދުވެލީގައި މިހާރު ދަތުރުކުރެވޭނެއެވެ. އެއާކޯން ކުރެވިފައިވާ މިއުޅަނދުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭ ގޮތަށް އަދި ބަލިމީހުން އުފުލުމަށްވެސް ފަސޭހަވާނޭގޮތަށް ފަރުމާކޮށްފައެވެ. މީގެ އިތުރުން، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހިދުމަތުގައި ދަތުރުކުރާ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އެންސްޕާގެ ދަފުތަރުގައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ސްކޫލް ކުދިން ޔުނިފޯމްގައި ތިބޭނަމަ، އެކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.
މި ހިދުމަތް ބޭނުންކުރަމުންދާ ރައްޔިތުންގެ ފަރާތުން ދަތުރުމަތީގައި ފެންނަމުންދާ ރަނގަޅު އާދަތަށް، ހިދުމަތް ފޯރުކޮށްދޭ ކުންފުނި އެމްޓީސީސީން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ. އަދި ހަމައެއާއެކު އެމްޓީސީސީގެ އަމާޒަކީވެސް ކަސްޓަމަރުންނާ ގާތުން ލުއި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމެވެ. މިގޮތުން، ކޮންމެ ފެރީއެއްގައިވެސް ކެޕްޓަނާއި ފަޅުވެރިންގެ ގޮތުގައި ތިބޭނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމާގުޅޭ ހާއްސަ ޓްރޭނިން ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. ޝެޑިއުލާ އެއްގޮތަށް ފެރީ ގަޑިއަށް ފުރާތޯ އެ މުވައްޒަފުން ޔަގީން ކުރާނެއެވެ.
އެހެން ހައި ސްޕީޑް ފެރީތަކާއި ހިލާފަށް "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ފެރީތައް ވަކި ޝެޑިއުލަކަށް ކުރިއަށް ގެންދިޔުން ވެގެންދާނީ މި ހިދުމަތަށް ރައްޔިތުންގެ އިތުބާރު އެންމެ ބޮޑުވާ ސަބަބަށެވެ. އެމްޓީސީސީގެ ފެރީ ގަޑިއަށް ފުރުމަކީ ރައްޔިތުންގެ ތައުރީފު އަބަދުވެސް ލިބޭ ކަމެކެވެ. އަދި މިފަދަ ސަބަބުތަކަށްޓަކައި ކައުންސިލްތަކުން އެ ކުންފުންޏަށް ފޮނުވާ ސިޓީތަކުގައިވެސް އެމްޓީސީސީން ފޯރުކޮށްދެމުންދާ ހިދުމަތަށް ތައުރީފުކޮށްފައިވެއެވެ. ޓެކްނޮލޮޖީއާއި ރައްޓެހި މި ޒަމާނުގައި، އާރްޓީއެލްގެ ހިދުމަތްވެސް އެމްޓީސީސީން ފޯރުކޮށްދެމުންދަނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މިގޮތުން، ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކުވެސް، ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނަ ސްމާޓް ފޯނުން، އޭނާ އެހުރި ތަނަކުން، ދަތުރުގެ ޝެޑިއުލް ބަލާލެވި، ޓިކެޓް ބުކްކޮށްލެވި، އަދި ޓިކެޓަށް ފައިސާ ދެއްކޭނެއެވެ. ސްމާޓްފޯނެއް އަތްޕުޅުގައި ނެތް ބޭފުންނަން، ޓިކެޓްގެ ނަންބަރު ދައްކާލައިގެން ދަތުރުކުރެއްވޭނެއެވެ. ޓިކެޓް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް، އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.
ހއ. ހދ. ށ. އަދި ޅ. އަތޮޅުގެ ރައްޔިތުން ކަނޑުދަތުރުފަތުރު ކުރުމުގައި، މިހާރު ތަޖުރިބާ ކުރަމުންދާ ލުއިފަސޭހަކަން ތަޖުރިބާ ކުރުމަށް ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ތިބޭނީ ކެތްމަދުވެފަކަން އަޅުގަނޑަށް ޔަގީނެވެ. ހަމަ މި ޔަގީންކަމާއެކު، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްވަނީ، ބާކީ 16 އަތޮޅަށްވެސް ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހިދުމަތް ފެށިގެން ދާނެކަމުގެ ޔަގީންކަމެވެ. މިއީ، މުޅި ރާއްޖެއަށް އެކީ އެއްހަމައަކުން، ތަންފީޒުކުރެވޭނެ ވަކި ހާއްސަ ތަސައްވަރެއް ކަމަށް، ހއ. ދިއްދޫގައި އޮތް، އާރްޓީއެލް ބޮޑު ތިލަދުންމަތި ގުޅާލުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުގެ ސިޔާސަތަކީ، އެއްވެސް ތަފާތު ކުރުމެއްނެތި، ހުރިހާ ރައްޔިތުންނާ މެދުވެސް ހަމަހަމަކަމާއެކު ކަންތައް ކުރުމެވެ. ރާއްޖޭގައި ކުޑައެއް ބޮޑެއް، އުތުރެއް ދެކުނެއް އަދި މެދުރާއްޖެތެރެއެއް ނެތި ހަމަހަމަކަން އޮންނަންޖެހޭ ކަމަށް ސަރުކާރުން ދެކިލައްވައެވެ. އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތް 6 ޒޯނެއްގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ހިދުމަތް ދޭ 82 އުޅަނދެއް އޮންނާނެއެވެ. 180 އަށް ވުރެ ގިނަ ފެރީ ޓާމިނަލް ހުންނާނެއެވެ. އަދި މި އުޅަނދުތަކަށް ހިދުމަތް ދޭނެ ބޯޓުޔާޑު ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކޮށްފައި ހުންނާނެއެވެ. މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާވެގެން ދާއިރު އެތައް ސަތޭކަ ވަޒީފާ އަލަށް އުފެދިގެން ދާނެއެވެ. މި މުވައްޒަފުންނަކީ، ކޮންމެ މީހެއްގެ އެވްރެޖް މުސާރައަށް ބަލާއިރު، އެކަށީގެންވާ މުސާރައެއް ލިބޭ، އަދި ޚިދުމަތަށް ތަމްރީން ވެފައިވާ، ގާބިލު ބަޔަކަށް، ވެގެންދާނެއެވެ.
ކޮންމެއަކަސް، ރާއްޖޭގެ ރައްޔިތުން އާރްޓީއެލް ހިދުމަތް ޝުކުރުވެރިކަމާއެކު ބަލައިގެންފިކަމުގެ އުފާވެރިކަން ރައީސް ސޯލިހާއި، އާރްޓީ.އެލް އާ ގުޅޭ ސިޔާސަތުތައް ފަރުމާކޮށްދެއްވުމުގައި ވަރުބަލިކަމެއްނެތި އުޅުއްވާ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ހިދުމަތް ދިނުމުގައި އަވަދިނެތި މަސައްކަތްކުރައްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެބޭފުޅުންގެ ޓީމަށް މިއަދު އެބައޮތެވެ. ވޭތުވެގެން މިދިޔައީ އާރްޓީއެލްގެ ހިދުމަތުގެ 1 އަހަރެވެ. މި 1 އަހަރުތެރޭގައި އާރްޓީއެލްގެ ހިދުމަތާ ގުޅޭގޮތުން ދެކެނީ ކިހިނެއްތޯ މަގުމަތިން ދިމާވި އިސްރައްވެއްސެއް ގާތު އަޅުގަނޑު އަހާލީމެވެ. "ރައްޔިތުން މާ ގަޔާވާ އާރްޓީއެލް އެއްނު ތިއީ! ބޭބެއަށް ހީވަނީ ކުރިއަށް އޮތްތަނުގައި އަދި މާ ފައްކާ ވާނެހެން!" އޭނާ ބުންޏެވެ.