ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފިއެވެ.

ލ. ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފެރީތައް އިފްތިތާހުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. މިއަދު ލ. އަތޮޅުގައި ފެށި މި ހިދުމަތަށް ދެ ލޯންޗު ފެރީ ބޭނުން ކުރާނެއެވެ. އެއީ، 48 މީހުންގެ ޖާގައިގެ ޒަމާނީ ލޯންޗުތަކެކެވެ.

މިއީ އިންޑިއާ ސަރުކާރުގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ހިލޭ އެހީގެ ދަށުން ތައްޔާރުކުރި ފެރީތަކެކެވެ. މި މަޝްރޫއަކީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ، އަދި ރަށްރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްގެން ހިންގޭ މުހިންމު މަސައްކަތެކެވެ.

އާ ފެރީތަކާއެކު ލާމު އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފަސޭހަކަމެއް ލިބި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. ހަމަ އެހެންމެ މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ވަރުގަދަކޮށް، ރަށްތައް ގުޅުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާ ބޮޑު ކުރިއެރުމެކެވެ.

އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. މި މަޝްރޫއުއަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.

މިހާތަނަށް ރާއްޖޭގެ 14 އަތޮޅެއްގެ 132 ރަށެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ދެމުން އަންނައިރު، އެންމެ ފަހުން މި ހިދުމަތް ފަށާފައިވަނީ ފ. އަތޮޅާއި ދ. އަތޮޅުގައެވެ. އެ ދެ އަތޮޅުގައި އެ ހިދުމަތް ފަށާފައިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހެވެ.