ހަންބޯ ކޮމްޕެނީއިން ހުޅުމާލޭގައި ގާއިމް ކުރަމުންދާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމެންޓްތައް އެ ކުންފުނީގެ ނަމުގައި މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ހަސަން މަމްދޫހުގެ މައްޗަށް ތުހުމަތުކޮށްފިއެވެ.
މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ހުށަލަޅާފައި ވާކަން އެ ކުންފުނިން ހާމަކޮށްފައި ވާއިރު މިކަމާމެދު އާންމު ރައްޔިތުން ސަމާލުވުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައެވެ. ހަންބޯ ކޮމްޕެނީގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ 95 ޕަސެންޓު ހިއްސާ އޮންނަ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ކަމަށްވާ މަމްދޫހުގެ އޮންނަނީ 5 ޕަސެންޓް ހިއްސާއެވެ.
ނުއަގުގައި އެތައް ބަޔަކަށް އެޕާޓްމަންޓްތައް ވިއްކާފައި ވާއިރު އެޕާޓްމަންޓުތައް ގަނެ ވިއްކުމުގެ އެއްބަސްވުންތަކުގައި މަމްދޫހު ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުން ކޮށްގެން ކަމަށް އެ ކުންފުނިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވެއެވެ. މަމްދޫހުގެ އަމިއްލަ ބޭނުމަށް ކަސްޓަމަރުންގެ އަތުން ދަރަންޏަށް ފައިސާ ނަގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ބާޔާނުގައިވާ ގޮތުން އެޕާޓްމެންޓް ގަނެ ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ގިނަ ބައެއްގެ އަތުން ނަގުދު ފައިސާއިން ފައިސާ ދެއްކުމަށް މަމްދޫހު އެދިފައިވާ ކަމަށް ކަސްޓަމަރުން ބުނެފައި ވާއިރު ފައިސާ ހޯދުމަށް މުއާމަލާތް ކޮށްފައި ވަނީ ސީދާ މަމްދޫހު އަދި ޖައިޝަން ސައީދުއެވެ.
މީގެ އިތުރުން ހަންބޯ ކުންފުނީގެ އެކައުންޓް ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށްވީ ނަމަވެސް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހު ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓަކަށް ފައިސާ ޖަމާކޮށް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެ އެކައުންޓަކީ އެމްޑީ ޗައިނާގައި ހުރި ދުވަސްވަރު އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި ވަކީލަކު ލައްވާ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން އެމްޑީއަށް އެގުމަކާ ނުލައި ހުޅުވާފައިވާ އެކައުންޓެއް ކަމަށް ބަޔާނުގައި ވެއެވެ.
އެ ކުންފުނީގެ އެމްޑީގެ ސަމާލުކަމަށް މި މައްސަލަ އައުމާއެކު މަމްދޫހުއާ މުއާމަލާތް ކުރަން ކުރި މަސައްކަތަށް އެއްބާރުލުން ނުލިބުނު ކަމަށާއި އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި ކާރާއި އެހެނިހެން އަގުބޮޑު ތަކެތި މަމްދޫހު އެތައް ބައެއްގެ އަތުން ނަގާފައި ވާއިރު އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އޮޅުވާލައިގެން 2 ކުންފުންޏެއް ކޭޕާކް އާއި ޖިން ޝިހޫގެ ނަންމަތީ ރަޖިސްޓަރީކޮށް، އެ 2 ކުންފުނި ބޭނުންކޮށްގެން ހަންބޯގެ ނަމުގައި ވެސް މުއާމަލާތަކެ އްކޮށްފައިވާ ކަމުގެ ތުހުމަތު އެ ކުންފުނިން މަމްދޫހުގެ މައްޗަށް ކުރެއެވެ. މަމްދޫހުގެ މަކަރާއި ހީލަތުން ކުރި މި މުއާމަލާތްތައް އާބަންކޯގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށައި ޖައިޝަން އާއި މަމްދޫހުއާ އެއްވެސް މުއާމަލާތެއް ނުކުރުމަށް މިހާރު އެދިފައިވާނެ ކަމަށް ހަންބޯއިން ބުނެއެވެ.