ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއެކު ސްކޫލުތަކުގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްފިއެވެ.

މި ބަދަލާއެކު ސްކޫލުތަކުގައި މަސައްކަތް ކުރާ 96 ސިއްހީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 59 ކައުންސެލަރުންގެ އިތުރުން 36 ހެލްތް އެންޑް ސޭފްޓީ އޮފިސަރުންނެވެ.

މުސާރައަށް ކުރިއެރުން ގެނައުމުގެ ކުރިން ލިބޭ މުސާރަ އަދި ބަދަލު ގެނައުމަށް ފަހު ލިބޭ މުސާރަ (އިތުރުގަޑީގެ އެލަވަންސް ނުލައި):

  • އެސޯސިއޭޓް އެޑިއުކޭޝަނަލް ކައުންސެލާ: 8،977ރ އިން 12،000ރ އަށް
  • އެސިސްޓޭންޓް އެޑިއުކޭޝަނަލް ކައުންސެލާ: 10،261ރ އިން 13،266ރ އަށް
  • އެޑިއުކޭޝަނަލް ކައުންސެލާ: 11،997ރ އިން 17،959ރ އަށް
  • އެސޯސިއޭޓް ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސާ: 9،970ރ އިން 12،066ރ އަށް
  • އެސިސްޓޭންޓް ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސާ: 10،988ރ އިން 14،145ރ އަށް
  • ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސާ: 12،325ރ އިން 18،338ރ އަށް

އިތުރު ގަޑީގެ އިނާޔަތް އަދި ޕެންޝަނާއެކު 59 ކައުންސެލަރުންގެ މުސާރައަށް އަހަރެއްގެ މައްޗަށް 2.7 މިލިއަން ރުފިޔާ ހޭދަވާނެއެވެ. އަދި 36 ހެލްތް އެންޑް ސޭފްޓީ އޮފިސަރުންގެ މުސާރައަށް އަހަރެއްގެ މައްޗަށް 1.5 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު އެވްރެޖްކޮށް މަހަކު 20،459 ރުފިޔާ ލިބޭ ސީނިއާ ރެޖިސްޓާޑް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެއެވެ. އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރު އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

މީގެ ކުރިން ސީނިއާ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ ލިބެމުން އައިއިރު މިހާރު ގެނައި ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެއެވެ. ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާ ކަމަށް ވާއިރު މި ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާ އެކު ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް އެލަވަންސް ހަމަޖެހިގެން ދާނެއެވެ. އެގޮތުން ޖުމްލަ 9838 މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށާއި އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަަށް ހޭދަކުރާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.