ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގް އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިއާ ދީދީ މަޝްވަރާ ކުރައްވައިފިއެވެ.

ދެ ގައުމުގެ ދެމެދުގައި އޮންނަ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަގްވާމީ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

އިންޑިއާގެ ޑިފެންސް މިނިިސްޓަރު ރަޖްނާތު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަލުވި ބާރުމިނެއްގައި ކުރިއަރަމުން އަންނަ ކަން ވަނީ ފާހަގަކުރައްވާ، ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރައްވާނެ ކަމަށް ރަޖްނާތު ވަނީ ވިދާޅުވެފައެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގެންފައި ވާއިރު އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ އެމްއެންޑީއެފްގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ. އަދި އޭނާގެ މި ދަތުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ރަޖްނާތު ސިންގްގެ މި ދަތުރުގައި، ކޯސްޓްގާޑުން ބޭނުން ކުރަމުން ދިޔަ އަސްކަރީ އުޅަނދު "ހުރަވީ"ގެ ބަދަލުގައި އިންޑިއާ އިން ހަދިޔާކުރި އުޅަނދު ރަސްމީކޮށް ސިފައިންނަށް ހަވާލުކުރުމުގެ އިތުރުން އެ ގައުމުން ރާއްޖެ އަށް ހަދިޔާކުރާ ލޭންޑިން ކްރާފްޓެއް ހަވާލުކުރުން ވެސް އޮންނާނެއެވެ.