ރާއްޖެއަށް ޕާކިސްތާނުން އައި ބިދޭސީއެއްގެ ނަމުގައި ގެނައި ލަގެޖަކުން މަސްތުވާތަކެތި ފެނިގެން ހައްޔަރު ކުރި މީހާ އެއީ އޭނާގެ ލަގެޖް ނޫން ކަމަށް ކޯޓުގައި ބުނެފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު، ވައިގެ މަގުން ރާއްޖެއަށް އައި ޕާކިސްތާނު މީހެއްގެ ލަގެޖު އަތުލައިގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި މައްސަލައިގައި ހައްޔަރުކުރި އުމުރުން 53 އަހަރުގެ މުހައްމަދު ރަމްޒާން، ކޯޓަށް ހާޒިރު ކުރުމުން ބުނީ، މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާގެ އެއްޗެއް ކަމަށް ބުނަނީ ކަސްޓަމްސް އޮފިސަރުން ކަމަށެވެ. އަދި މަސްތުވާތަކެތި ހުރި ކަޅުކުލައިގެ ލަގެޖުގައި އިނީ އޭނާގެ ނަމުގެ ޓެގެއް ކަމަށް ކަސްޓަމަސް އިން ބުނި ކަމުގައި ވިޔަސް ކުލައިގެ ދަބަހެއް އޭނާ ރާއްޖެއަށް އައި އިރު ނުގެންނަ ކަމަށެވެ.

މީގެ އިތުރުން ރަމްޒާން ބުނީ، ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެ ދެއްކި އިރު ހުރީ ބެލްޓުން ނަގައި ދުރުގައި ބަހައްޓާފައި ކަމަށެވެ. އެ ލަގެޖުގައި އޭނާއާ ގުޅޭ އެއްވެސް އެއްޗެއް ނެތް ކަމަށް ރަމްޒާން ބުނެފައި ވެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށަށް އޭނާ އިންކާރު ކުރަމުން އޭނާ ބުނީ، އެއީ އޭނާގެ ލަގެޖެއް ނޫންކަން، އޭނާ ރާއްޖެ އަށް އަންނަން ފުރި ގައުމުގެ ކަސްޓަމްސް މެދުވެރިކޮށް ވެސް ބެލޭނެ ކަމަށެވެ. އަދި އެ ދަބަހުން އޭނާގެ ޑީއެންއޭ ލިބޭތޯ ވެސް ބެލިދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކަސްޓަމްސް އިން ބުނެފައި ވަނީ އެމީހާގެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު ހިރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ލަޖެގުން ޖުމްލަ 4.98 ކިލޯގެ ބަރުދަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ. އެ ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ.