ލ. ގަމުގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ އުމުރުން 69 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އޮތީ މޫދުގައި ކަމަަށް މައުލޫމާތު ލިނެއެވެ.

އޭނާ ފެނިފައި ވަނީ މިއަދު ހެނދުނު މޫދަށް ދިޔަގޮތަށް ހަބަރެއް ނުވެގެން ހޯދަން ދިޔައިރުގައި ގޮޑުދޮށުގައި ލައްވެފައި އޮއްވައެވެ. އޭނާ ފެނުނީ މެންދުރު 1:00 ހާއިރު ކަމަށާއި އަދި ފެނުނު އިރުގައި ވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަކީ އާންމުކޮށް ކޮންމެ ދުވަހަކު ވެސް މޫދަށް ގޮސް އުޅޭ މީހެކެވެ.

ގަމުގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިފައި ވާއިރު މިދިޔަ ފެބްރުއަރީ މަހު ގދ. ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު ގެނބިގެން ވަނީ މަރުވެފައެވެ. އުމުރުން 68 އަހަރުގެ އެމީހާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ އެރަށު މޫދު ކައިރީގައި މަރުވެފައި އޮއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަކީ ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ މީހެކެވެ.