ކޮންމެ ބަޔަކުވެސް އެބައެއްގެ ކަނޑުގެ ސަރަހައްދު ކަމަށް ބުނާ 'ޗައިނާ ސީ" ގައި ފިލިޕީންސްގެ 'ކުޑަކުޑަ' މަނަވަރަކާއި ޗައިނާގެ 'މާސިންގާ' މަނަވަރެއް ކުރިމަތިލައިފިއެވެ.

ޗައިނާ ކަނޑުގައި ޕެޓްރޯލް ކުރަން އުޅުނު ފިލިޕީންސްގެ މަނަވަރަކަށް ޗައިނާގެ މަނަވަރު ހުރަސް އަޅާ ދެފަރާތުން އިންޒާރު ދިނުމުގެ ހާދިސާ ހިނގީ މި ހުސްވި ހަފްތާގައެވެ. އާންމުވެފައި ވާ ވީޑިއޯ އަކުން ފެންނަ ގޮތުން ފިލިޕީންސްގެ މަނަވަރު ހަރަކާތްތެރި ވަނިކޮށް ޗައިނާގެ މަނަވަރު ގާތް ކޮށްލައެވެ. އެއާއެކު ދެފަރާތުން އެއްބަޔަކު އަނެއް ބަޔަކަށް ހުރަސް ނޭޅުމަށާއި އިމުގެ ތެރެއިން ނުކުތުމަށް އަންގައެވެ.

މިހާދިސާ ހިނގާފައި މިވާ ދަނޑިވަޅަކީ، މައްސަލަ އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ ގޮތުން ފިލިޕީންސްގެ ރައީސް ފާޑިނާންޑް މާކޯސް ޖޫނިއާ އާއި ޗައިނާގެ ހާރިޖީ ވަޒީރު ކިން ގޭންގް މެނީލާގައި ބައްދަލުކުރެއްވިތާ 1 ދުވަސް ފަހުންނެވެ.

ގާތްގަނޑަކަށް 1670 ކިލޯމީޓަރުގެ ސަރަހައްދެއްގައި ފިލިޕީންސްގެ 2 މަނަވަރެއް ހަރަކާތްތެރި ވަނިކޮށް ޗައިނާގެ މާސިންގާ މަނަވަރު ކައިރިކޮށްލައެވެ. އެއާއެކު ފިލިޕީންސްގެ މަނަވަރު ހީވަނީ ބޮޑުސިންގާ ރަށެއްގެ ކައިރީގައި އޮންނަ ކުޑަކުޑަ ބޯޓެއްހެންނެވެ. ނުވަތަ ބޮޑުއެތި ކައިރީގައި ކުޑައެތި އޮތީމައި ފެންނަ މިސާލުން ތަފާތު ބޮޑުކޮށެވެ.

ޗައިނާއިން ބުނަނީ އެ ކަނޑަކީ މުޅިން ޗައިނާގެ ކަނޑެއް ކަމަށެވެ. ނަމަވެސް ފިލިޕީންސުން ބުނަނީ އެކަން އެހެން ނުވާނެ ކަމަށާއި ޗައިނާއިން މިން ޖަހާ އިރު ފިލިޕީންސްގެ ރަށެއް ކަމަށް ވާ ސްޕްރަލްޓީސްވެސް ވައްދާފައި އޮންނަނީ ޗައިނާގެ ތެރެއަށް ކަމަށެވެ. މިކަނޑުގެ ބައެއް ހޯދުމަށް މެލޭޝިއާ، ވިއެޓްނާމް، ބުރޫނާއި އަދި ޓައިވާންވެސް ދައުވާ ކުރެއެވެ.

މި ކަނޑަކީ މިވަގުތު ދުނިޔޭގައި އެންމެ މައްސަލަ ބޮޑު އެއް ކަނޑެވެ. ޗައިނާއިން ޓައިވާނަށް ދީފާނެ ހަމަލާއަކުން އެ ގައުމު ދިފާއު ކުރުމަށް އެމެރިކާއިންވެސް މި ކަނޑު ބޭނުންވެއެވެ. އަދި ގަވައިދުން އެމެރިކާއިން ދަނީ މި ކަނޑުގައި (އިންޓަނޭޝަނަލް ވޯޓާ) ވަކި ބައެއްގެ ތަނަކަށް ނުވާ ކަމަށް ބުނާ ޒޯންގައި ޕެޓްރޯލް ކުރަމުންނެވެ. ދާދިފަހުން މިފަދަ އެއް ހާދިސާއެއްގައި އެމެރިކާގެ މާސިންގާ މަނަވަރު އެ ސަރަރައްދަށް ވަނުމުންވެސް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ނަމަވެސް އެމެރިކާގެ މަނަވަރާ ކުރިމަތިލާކަށް ޗައިނާ އަކަށް ނުކެރުނެވެ. މީގެ އިތުރުން މި ކަނޑަކީ ދުނިޔޭގެ އެއްބިތުން އަނެއް ބިތަށް ވިޔަފާރީގެ މުއާމަލާތް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އެއް ކަނޑަށް ވާއިރު ހިސާބުތަކުން ދައްކާ ގޮތުން އެވްރެޖްކޮށް އަހަރަކު 5 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި މިކަނޑު ހުރަސްކޮށް ހިނގައެވެ.

ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ކޯޓުން، މިކަނޑަކީ އެތައް ގައުމެއްގެ ބާރު އޮންނަންވާނޭ ތަނެއްކަމަށް ބުނަމުން ދާއިރުވެސް ޗައިނާއިން އެކަމާ ދެކޮޅު ހަދާ، އެކަނޑުގައި ހުރި ބައެއް ފަރުތައް ހިއްކާ ވަނީ ރައްތަކާއި ބަނޑަރުތައްވެސް ހަދާފައެވެ.