އެންމެ ފަހު ވަގުތު ޓިކެޓުގެ ފައިސާ ދެއްކުމުން އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ 8 މީހަކު ރާއްޖެ އަންނަން ފުރައިފިއެވެ.

މަޝްއަރު ގުރޫޕްގެ ފަރާތުން މިއަހަރު ރޯދަމަހު 207 މީހުން އުމްރާއަށް ގެންދިޔައެވެ. އެ ކުންފުނި މެދުވެރިވެގެން ރޭ ފަތިހު ހަތަރު ގުރޫޕެއްގެ މީހުން ރާއްޖެ އަންނަން ސައޫދީން ފުރަން ތާވަލު ކޮށްފައި އޮތް ނަމަވެސް އޭގެ ތެރެއިން ފުރުނީ 8 މީހަކަށެވެ. ބާކީ 199 މީހުން ރާއްޖެ ގެންނަން ތާވަލު ކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެމީހުންގެ ފައިސާ އަދި ނުދައްކައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ރޭ ފަތިހު ފުރުުމަށް ހަމަޖެހިފައިވާ 8 މީހުންގެ ޓިކެޓް ފައިސާ ޓްރެވެލް 2 މޯލްޑިވްސް އަށް ރޭގެ އެންމެ ފަހު ވަގުތު ދައްކާފައިވާ ކަމަށެވެ. އެމީހުން ރޭގެ ދަންވަރު 1:30 ގައި ޖިއްދާ އިން ފުރާފައިވާ ކަމަށާއި ރާއްޖެ ގަޑިން މިއަދުގެ މެންދުރު 2:30 ގައި ފްލައިޓް އަންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޖަމާއަތުގެ ޙަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން އައުމަށް ހަމަޖެހިފައިވާ ގޮތް:

  • އެޕްރިލް 26، 2023 – 8 ޢުމްރާވެރިން، ސަލާމް އެއާއިން (14:10)ގައި.
  • އެޕްރިލް 27، 2023- 130 ޢުމްރާވެރިން، ސަލާމް އެއާއިން (14:10) ގައި.
  • އެޕްރިލް 28، 2023 – 39 ޢުމްރާވެރިން، ސަޢޫދީ އެއާއިން (13:55)ގައި.
  • އެޕްރިލް 29، 2023- 30 ޢުމްރާވެރިން، ސަޢޫދީ އެއާއިން (07:20)ގައި.

މި ޖަމާއަތުގެ ބާކީ ތިބި 199 މީހުންގެ ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓަށް ވާ ފައިސާ ވެސް އެ މީހުން ސައޫދީން މިރޭ ފުރުމުގެ ކުރިން ދައްކާނެ ކަމުގެ ޔަގީންކަން މަޝްއަރު ގުރޫޕުން ދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

"ޓްރެވެލް 2 މޯލްޑިވްސް" ކިޔާ ކުންފުންޏެއް މެދުވެރިކޮށް ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓް ނެގުމުގެ ހަރަދަށް 141،450 ޑޮލަރު އަރާފައި ވާއިރު ފައިސާ ފަހުން ދައްކާނެ ކަމަށް ބުނެ އަލް މަޝްއަރު އުމްރާ ގުރޫޕުުން ދޫކުރި ދެ ޗެކު ބައުންސްވި މައްސަލަ އެ ކުންފުނިން ވަނީ އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އެ ގުރޫޕުގެ މި މައްސަލަތަކާ ގުޅިގެން އަލް މަޝްއަރު ގުރޫޕްގެ ހަވާލުގައި ގެންދިޔަ 207 އުމްރާވެރިން ރާއްޖެ ގެނައުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.