65 ރުފިޔާ އާއި 135 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ޑަސްބިން ކޮތަޅު ވިއްކަން ނިންމައި ވެމްކޯ އިން ކޮތަޅު ބޮނޑިތަކުގެ އަގުތައް މިއަދު އާންމުކޮށްފިއެވެ.

މިދިޔަ ނޮވެމްބަރު މަހު މަޖިލީހުން ފާސްކުރި ކުނި މެނޭޖުކުރުމުގެ ބިލް ގާނޫނަކަށް ވުމުގެ ސަބަބުން، މިދިޔަ ހަފްތާ އިން ފެށިގެން ޕްލާސްޓިކް ކޮތަޅުތަކުން އަގު ނަގަން ވަނީ ފަށައިފައެވެ.

އެ ބަދަލާ އެކު، ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ޓެކުހުގެ ގޮތުގައި ދެ ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑުކޮށް ވެސް ދަނީ އަގު ނަގަމުންނެވެ. ކޮތަޅުތަކުގެ އަގުތައް އުފުލުމުގެ ސަބަބުން، އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހެންވެ، އެ މައްސަލަ ހައްލުކުރުމަށްޓަކައި ވެމްކޯ އިން ނިންމީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސް ނުނަގާ ގޮތަށް ކޮތަޅުތައް ވިއްކުމަށެވެ. ޓްވިޓާގައި އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ގޮތުން:

  • ލާޖް (100 ކޮތަޅު): 35ރ އަށް
  • އެކްސްއެކްސް ލާޖް (100 ކޮތަޅު): 135ރ އަށް
  • ޓްރިޕަލް އެކްސް ލާޖް (50 ކޮތަޅު): 165ރ އަށް

ވެމްކޯ އިން ބުނީ، މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކާއި، ކަސްޓަމާ ފްރަންޓް އޮފީސްތަކުން ކޮތަޅު ބޮނޑިތައް ލިބެން ހުންނާނެ ކަމަށެވެ.

ވެމްކޯ އިން އިލްތިމާސްކުރަނީ މި ކޮތަޅުތައް ކުނި އުކާލުމަށް އެކަނި ބޭނުންކުރުމަށެވެ.