ރޯދައަށްފަހު މިއަހަރުގެ ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނު މިއަދު ފަށަން ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، ކޭމްބްރިޖް އައިޖީއެސްއީ އިމްތިހާނުގައި މިއަހަރު 6698 ކެންޑިޑޭޓުން ބައިވެރިވެފައިވާ ކަމަށެވެ. މިއީ ކުރީ އަހަރާ ބަލާއިރު މިއަހަރު 759 ކެންޑިޑޭޓުން އިތުރު ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެސްއެސްސީ އިމްތިހާނުގައި މިއަހަރު 6107 ކެންޑިޑޭޓުން ބައިވެރިވާއިރު ކުރީ އަހަރާ ބަލާއިރު މިއަހަރު 444 ކެންޑިޑޭޓުން އިތުރު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއިން އާޓް އެންޑް ޑިޒައިން ކިޔަވާ 176 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު މިއަހަރު ފެށީ މިމަހު 12 ގައެވެ.

އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި އިމްތިހާނުގައި އާޓް އެންޑް ޑިޒައިން މާއްދާ ރޯދަ މަސް ތެރޭ ބޭއްވި ނަމަވެސް ދެން ހުރި މާއްދާތައް ބާއްވަން ހަމަޖެއްސީ ރޯދައިގެ ފަހަށެވެ. އެގޮތުން މިއަދު ފަށާނީ އިސްލާމީ ތަރުބިއްޔަތުގެ ކަރުދާސް 1 އިންނެވެ.

އިސްލާމްގެ އިމްތިހާން ބާއްވަން ހަމަޖެހިފައި ވަނީ މިއަދާއި މާދަމައެވެ. އަރަބި މާއްދާގެ އިމްތިހާން މި މަހުގެ 27 ގައި ބާއްވަން ހަމަޖެހިފައިވާ އިރު ދިވެހި މާއްދާ އޮންނާނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހުއެވެ. ދެން ހުރި މާއްދާތަކުގެ އިމްތިހާންތައް އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އިރު ޖޫން މަހުގެ 8 ވަނަ ދުވަހު ބައޮލޮޖީ މާއްދާގެ އިމްތިހާނާއެކު އޯލެވެލް އިމްތިހާން ނިންމާލުމަށް ވަނީ ތާވަލު ކޮށްފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވަމުން އައީ އޮކްޓޯބަރު/ ނޮވެމްބަރު ގައެވެ. ނަމަވެސް 2020 ވަނަ އަހަރު ކޮވިޑްގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް އޯލެވެލް އިމްތިހާނު ފަސްކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާ ގޮތަށް ބަދަލު ކުރުމަށެވެ. އެއާއެކު އޯލެވެލް އިމްތިހާނު މެއި/ ޖޫންގައި ބާއްވާ ގޮތަށް ބަދަލު ކުރިއެވެ.