ކުނި އެޅުމަށް ހާއްސަ ކޮތަޅު ވެމްކޯއިން އަންނަ ބުރާސްފަތީގައި ވިއްކަން ނިންމައިފިއެވެ.

އެ ކޯޕަރޭޝަނުން ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ފޯރުކޮށްދިނުމަށް ނިންމާފައި ވާއިރު އެއީ 11*17، 18*27، 36*48 އިންޗީގެ ކޮތަޅެވެ. ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.

އެ ކޯޕަރޭޝަނުގެ ފަރާތުން ތައާރަފް ކުރާ ކުނި މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓު އޮފީސްތަކުން ބުރާސްފަތި ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި ވެމްކޯއިން ތައާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުންކުރުމަށް ވެސް އެ ކޯޕަރޭޝަނުން އިލްތިމާސް ކުރެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އެ ކޯޕަރޭޝަނުން އާންމު ކުރާނެއެެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނު އިން، އޭޕްރީލް 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި 2 ރުފިޔާ ނަގުމަށް ކަނޑައަޅާފައިވީ ނަމަވެސް ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"އިން ފީ ނަގަން ނުޖެހޭނެ ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވެއެވެ.