ކުވައިތުގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ ދުވުންތެރިޔާ ޝަމްހާ އަހްމަދު ހަދާފައިވާ ރެކޯޑް މަރިޔަމް ރުޔާ އަލީ މުގުރާލައިފިއެވެ.
އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، މިހާރު ކުރިއަށްދާ އޭޝިއާ މުބާރާތުގެ ހީޓްގައި ރޫޔާ މި ރެކޯޑް ހެދީ 12.52 ސިކުންތުން ކަމަށެވެ. ޝަމްހާ ރެކޯޑް ހެދީ 2001 ވަނަ އަހަރު ކެނެޑާގައި ބޭއްވި އަށްވަނަ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ކަމަށާއި އެ ފަހަރު ޝަމްހާ ދުވުން ފުރިހަމަ ކޮށްފައި ވަނީ 12.27 ސިކުންތު ދުވެގެންް ކަމަށެވެ. އެހެންކަމުން ޝަމްހާ ހެދި ރެކޯޑް ރޫޔާ މި ވަނީ މުގުރާލާފައެވެ.
ޜޫޔާ މީގެ ކުރިން ވަނީ ނޭޝަނަލް ގްރޯން ޕްރީގައި 100 މީޓަރު ދުވުމުން ޖޫނިއާ ރެކޯޑެއް ހަދާފައެވެ. އެއީ 12.53 ސިކުންތު ދުވެގެންނެވެ. އެއަށް ފަހު މި ފަހަރުގެ ދުވުމުގައި އޭނާ މިވަނީ އޭނާ ކުރިން ހެދި ރެކޯޑް ވެސް މުގުރާލާފަައެވެ.
2013 ވަނަ އަހަރު އެތްލެޓިކްސް ވާދަކުރަން ފެށި ރޫޔާ ވަނީ މީގެ ކުރިން ވެސް ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކޮށްފައެވެ. އެގޮތުން އޭނާގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްއެވެ. އޭގެ ފަހުން އޮކްޓޯބަރު މަހު ކުވޭތުގައި ބޭއްވި އޭޝިއާގެ 18 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި ވެސް އޭނާ ވާދަ ކުރިއެވެ.
މީގެ އިތުރުން ރޫޔާ ވަނީ ފެބްރުއަރީ މަހު ކަޒަކިސްތާނުގައި އޮތް 10 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލު ކޮށްފައެވެ. އެ މުބާރާތުގައި 60 މީޓަރު ދުވުމުގައި އަހުނާ ނިޒާރު ގައުމީ ރެކޯޑު މުގުރާލިތާ ހަތް މިނެޓު ފަހުން ރޫޔާ ވަނީ އަހުނާގެ އެ ރެކޯޑު މުގުރާލާފައެވެ.