ދަރިމައިނުވުމުގެ މައްސަލައަށް އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭ ގޮތް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ލަފާދީފިއެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިގޮތަށް ލަފާދީފައި ވަނީ ރާއްޖޭގައި ދިމާވެފައިވާ ދަރިމައިނުވުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އާސަންދަ އިން އެ ބައްޔަށް ފަރުވާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު، ދިރާސާކުރުމަށް ފަހުއެވެ.

އެގަރާރުގައި މީކާއިލް ވިދާޅުވީ، އާސަންދަ އާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ދިވެހިންނަށް ހަމަހަމަކަމާ އެކު ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ދޭން ޖެހޭނެ ކަމަށް އޮތް ނަމަވެސް، ދަރިމައިނުވުމުގެ މައްސަލައަށް ބޭސްކުރުމުގެ ފުރުސަތުތައް ހަނިވެފައިވާ ކަމަށެވެ.

ގަރާރުގައި މީކާއީލް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ދަރިމައިނުވުމުގެ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ގަވައިދުން ބޭނުންވާ ބައެއް ބޭސް ހޯދުމަށް ދަތިވުން
  • އެ ބައްޔަށް ބޭނުންވާ އަސާސީ ބައެއް ބޭސް އާސަންދައިގެ ދަށުން ނުލިބުން
  • އެ ބައްޔަށް ހާއްސަ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ދަތިވުން
  • އެ ބައްޔާ ގުޅޭ އެއްވެސް ފެންވަރުގެ ދިރާސާ އެއް ހެދިފައި ނެތުން

ގަރާރުގައި އޭނާ ވަނީ، އެ ބައްޔާ ގުޅޭ ރަނގަޅު ދިރާސާ އެއް ހެދުމާއި، އެ ބައްޔަށް ބޭނުންކުރާ އަސާސީ ބައެއް ބޭސް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުން ފަދަ ކުދި ފިޔަވަޅުތައް އެޅުމަށް ހުށަހަޅުއްވާފައެވެ. އަދި އެ މައްސަލަ އަށް ބޭސްކުރަމުންދާ ފަރާތްތަކަށް އާސަންދައިގެ ދަށުން ފޯރުކޮށްދެވޭނެ ހިދުމަތްތައް ދެނެގަނެ، ހިދުމަތްތައް ފޯރުކޮށްދެވޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް ވެސް ގަރާރުގައި ގޮވާލައްވާފައިވެއެވެ.

މި ގަރާރު ދިރާސާކުރުމަށް ފަހު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ އާސަންދަ އިސްލާހުކޮށް، އެ ސްކީމްގެ ތެރޭގައި ދަރިމައިނުވުމުގެ މައްސަލައަށް ދެވޭ ފަރުވާ ހިމެނުމެވެ.

މީގެ އިތުރުން ރާއްޖޭގެ ދަރިމައިވާ ރޭޓް ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުންހުރި ސަބަބުތައް ހިމެނޭތޯ ބަލަން ކަމާ ގުޅޭ ވުޒާރާއިން އިސްނަގައިގެން ގައުމީ ފެންވަރުގެ ދިރާސާއެއް ކުރަން ޖެހޭ ކަމަށް ކޮމިޓީން ފާހަގަކޮށްފައިވެއެވެ. އަދި އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލްތަކުން ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ކޮމިޓީން ބުނެއެވެ.