ކާޑުގެ ބާވަތްތައް ގަނޑުކޮށް ގުދަންކުރާނަމަ، ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް މޯލްޑިވްސް ފުޑްސް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

އެ އޮތޯރިޓީން މި މަހުގެ 20 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރައްކާތެރި ގޮތުގައި ކާބޯތަކެތި ގެންގުޅުމާއި އެތަކެތި އެއްތަނުން އަނެއްތަނަށް އުފުލުލުމާއި ގުދަން ކުރުމުގައި އަމަލުކުރާނޭ ގޮތުގެ މިންގަނޑު ގައިވާ ގޮތުގެ މަތިން، ގަނޑުކޮށް ގުދަން ކުރާތަންތަން ރަޖިސްޓްރީ ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ނިންމުން ތަންފީޒު ކުރަން ނިންމާފައިވާއިރު އެއީ ކާޑުގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި، އެފަދަ ތަންތަން ރެގިއުލޭޓް ކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އެ އޮތޯރިޓީގެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުންވެސް ކާބޯތަކެތީގެ ރައްކާތެރި ކަން ކަށަވަރު ކުރުމަށް އެމްއެފްޑީއޭއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނައިރު، ދާދި ފަހުން ވަނީ ރަޖިސްޓްރީ ނުކޮށް ކާބޯތަކެތި ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.