މިއަހަރުގެ ފިތުރު އީދާ ގުޅުވައި އެސްޓީއޯއިން ފިޔަވަތީގައި ދިރިއުޅެމުން ދާ ކުދިންނަށް އީދު ހަދިޔާ ދީފިއެވެ.

އެސްޓީއޯގެ ފަރާތުން ފިޔަވަތީގެ ކުދިންނަށް އީދު ހަދިޔާ ހަވާލުކޮށްފައި ވަނީ މިއަދު ހެނދުނު ފިޔަވަތީގައެވެ.

އީދު ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ އިން ކުޑަކުދިންނަށް ދޭ ހަދިޔާ، އަމިއްލަ ޖަމްއިޔާއެއް ކަމަށްވާ އާއްމު އެކުވެރިންގެ ގުޅުމާ ގުޅިގެންވެސް ބަހަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އެ ޖަމްއިއްޔާ މެދުވެރިކޮށް މިއަދު ހަވީރު ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި ވަނީ ބަހާފައެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި މަޝްހޫރު "އަޕްޓު މަދާ" އާ ގުޅިގެންވެސް އެ ކުންފުނިން ވަނީ އީދު ހަދިޔާ ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ރަސްފަންނާއި އާޓިފިޝަލް ބީޗްގައި ކުރިއަށް ގެންދިޔަ އިވެންޓް / ފޮޓޯ: އެސްޓީއޯ

މި ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ މާލެ ރަސްފަންނު ސަރަހައްދާއި ހެންވޭރު އާޓިފިޝަލް ބީޗުގައެވެ. ކަރުދާސް ކޮތަޅުގައި ބަންދުކޮށްފައި ހުރި މި ހަދިޔާ ދިނުމުގެ އެއް މަގުސަދަކީ އެސްޓީއޯއިން ބުނިގޮތުގައި އީދުގެ އުފާފާޅުކުރުމާއެކު ތިމާވެއްޓާ ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް ހިތްވަރު ދިނުމެވެ.

އެސްޓީއޯއަކީ ސަރުކާރު މައި ވިޔަފާރި ކުންފުންޏަށް ވުމުގެ އިތުރުން ސީއެސްއާރު ގެ ދަށުން ގިނަ ކަންތައްތަކެއް ކުރާ ކުންފުންޏެކެވެ.