ޑިމޮކްރަސީގެ މަގަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރި ފަހުން ފާއިތުވެދިޔަ ހަތަރު އަހަރާ ފަސް މަހަށް ވުރެ ހަމަޖެހުމާއި ސުލްހަމަސްލަސްކަން ގާއިމުވެފަ އޮތް ދުވަސްތަކެއް ދިވެހިން ދެކިފައިނުވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިއަދު ދިވެހި ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. މި އަހަރު ސިފައިންގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ސިފައިންގެ ބަދަހިކަން - ގައުމުގެ ހަމަޖެހުން" މިއެވެ.

މިއަދުގެ މުނާސަބަތުގައި މާރިޔާގެ ހިތާބުގަ ވިދާޅުވީ މި ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލް ކުރި އެންމެ ބޮޑުއެއް ކާމިޔާބީއަކީ ދިވެހިން މި ދެކޭ ހަމަޖެހުމާ އަމާންކަންކަމަށެވެ. އަދި ގިނަ ގޮންޖެހުންތަކާއެކުވެސް ތަރައްގީގެ ދުވެލީގަ، އަސްކަރީ ދާއިރާ ވެސް ހިމެނިގެން، ރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ކާމިޔާބީގެ ފޮނި މީރުކަން ރާއްޖޭގެ ކުދި ބޮޑު ހުރިހާ ދިވެހިން ތަޖުރިބާ ކުރަމުންދާ ކަމަށެވެ.

ރައީސް ސޯލިހް ސިފައިންގެ މަސައްކަތްތަކަށް ދެއްވާ އަހަމިއްޔަތުކަން ހާމަކުރައްވަމުން މާރިޔާ ވިދާޅުވީ ރައީސް ސިފައިންނާ ދިމާވާ ކޮންމެ ފަހަރެއްގައި ވެސް ގައުމުގައި ސިފައިން އަދާކުރާ މުހިންމު ދައުރާ، ދިވެހި ރައްޔިތުންގެ އިހުތިރާމާ ލޯތްބާ، ގަދަރު ލިބޭނޭހެން ސިފައިންގެ އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވާކަމަށެވެ. އަދި ސިފައިންގެ ޕްރޮފެޝަނަލިޒަމް އެންމެ މަތީ މިންގަނޑުގައި ދެމެހެއްޓުމަށް އަބަދުވެސް ރައީސް ބާރު އަޅުއްވާކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ސިފައިންގެ އިތުރު މަރުކަޒުތައް ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ގާއިމު ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ.