ސްޓެލްކޯއިން ފައިސާގެ އިނާމު ދޭ އީދު މަލާފަތް ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ، މި ޕްރޮމޯޝަނަކީ އީދު ދުވަހު ސުފްރާ މަތީގެ ފޮޓޯ ޕޯސްޓްކޮށްގެން ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ ޕްރޮމޯޝަނެއް ކަމަށެވެ. އެގޮތުން މި ފޮޓޯ ޕޯސްޓް ކުރާނީ ފޭސްބުކްގައި ކަމަށާއި ފޮޓޯ ޕޯސްޓް ކުރާ އިރު #stelcoeidmalaafaiy ހޭޝްޓެގް ބޭނުން ކުރަންވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެގޮތުން އެ ޕޯސްޓް ޗެއާ ކުރާ އިރު ، ޕޯސްޓްކުރާ ފޮޓޯގެ ޕްރައިވެސީ ސެޓިން ހުންނަން ވާނީ "ޕަބްލިކް" ގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. ފޮޓޯ ޕޯސްޓް ކުރެވޭނީ ފިތުރު އީދު ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޝެއާ އަދި ލައިކް ލިބޭ ޕޯސްޓެއް ބަލައިގެން ވަނަ ދިނުމަށް ހަމަޖެހިފައިވާ އިރު، އެންމެ މަތިން ލައިކްސް އެންޑް ޝެއާ ލިބޭ 3 ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެ ގޮތުން 1 ވަނަ ލިބޭ ފަރާޓަކަށް 5000 ރުފިޔާ، 2 ވަނަ ލިބޭ ފަރާތަކަށް 3000 ރުފިޔާ އަދި 3 ވަނައަށް 2000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ދިވެހިންގެ ތެރޭގައި އީދު ފާހަގަ ކުރާ އިރު ސުފުރާމަތީގައި ތަފާތު މީރު ކާނާތައް ތައްޔާރު ކޮށް ބެހެއްޓުމަކީ ޒަމާޏާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ޒަމާނަށް ބަދަލު އައިސްފައިވާ އިރު އީދު ދުވަހު ސުފުޜާމަތީގެ ފޮޓޯއެއް ނަގައި ސްނެޕްކޮށް ނުލައި ނުވަތަ ސްޓޯރީއަށް ނުލައި ހިތްހަމަޖައްސާލެވޭ ކަމަށް ވެސް ނުވެއެވެ. އެގޮތުން މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ކަމުން ސުފުރާމަތީގެ ފޮޓޯ ނަގާ ފަރާތްތަކަށް މިއީ ފައިސާގެ އިނާމު ހޯދާލަން ރަނުގެ ފުރުސަތެކެވެ.