ރޯދައިގެ އަޅުކަމުން ހާސިލުވި އެންމެ ބޮޑު އުފަލަކީ، ހިތްތައް ތާހިރުވެ އަލުން ތާޒާވުން ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން ނަފްސުތަކަށް ލިބިގެންދިޔަ ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެެއްޖެއެވެ.

އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. އެ ހިތާބުގައި، ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިހްލާސްތެރި ކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި މި އުފާވެރި މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަހުންނާއި އުހްތުންނަށް ވެސް އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައި ވެއެވެ.

އެމަނިކުފާނު ވަނީ ހަސަދައާއި ނަފްރަތަށް ހިތްތަކުން ޖާގަ ނުދިނުމަށާއި، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމަށް ބާރުއަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މައާފް ކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ވަކިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، އީދުގެ ހަގީގީ އުފަލެއްކަމުގައި ކޮންމެ މީހަކުވެސް ހަދަންވީ، އެމީހެއްގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެކަކު އަނެކަކާ ސަލާންކޮށް، ހިތުގެ ހާލިސްކަމާއި ހިތްހެޔޮކަން ފާޅުކުރުމަށް ކަމަށެވެ. އެކުވެރިންނާއި ރަހްމަތްތެރިންނާ ބައްދަލުކޮށް، އީދުގެ ތަހުނިޔާ ބަދަލުކުރުމަށް ވެސް އެމަނިކުފާނުގެ ހިތާބުގައި ބާރުއަޅުއްވާފައިވެއެވެ. އަދި ފަގީރުންނާއި ނިކަމެތިންނަށް ހާއްސަ އިސްކަމެއްދީ އެއްވެސް މީހަކު ބާކީ ނުކޮށް މީހުންނާމެދު މެދު އޯގާތެރިވުމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.