ކޮމީޑިއަންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ އަދަދު މަދު ނަމަވެސް އެ މަސައްކަތް ކުރާ ފަރާތްތަކުން އެކަން ކުރަނީ އެކަމާ ގަޔާވެ އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. އޭގެތެރޭގައި ހިމެނޭ އެއް ފަރާތަކީ އުމުރުން 50 އަހަރުގެ ހެންވޭރު ދޮން އަންނާރުގެއަށް އުފަން ހުސައިން ސާދު (މަޓޭ)އެވެ. ހުސައިން ސާދުއޭ ބުނުމުން ގިނަބަޔަކަށް ނޭނގުނު ނަމަވެސް މަޓޭއޭ ބުނެފިނަމަ އެއީ ކާކުކަން ގިނަބަޔަކަށް އެނގޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ކޮމިޑީ ކަންތައްތަކަކަށް ކުޑަ އިރުންސުރެ ވެސް ޝައުގުވެރިކަން ހުންނަ މަޓޭ ބުނި ގޮތުގައި ކުޑައިރު ވެސް މީހުން ހެއްވާލާ މަޖާކޮށްލުމުގެ ގޮތުން އޭނާ ޖޯކު ކިޔާ ލަވަ ކިޔާ އުޅެއެވެ. ސްކޫލު ދައުރުގައި ލަވަ ކިޔުމުގެ ތެރެއަށް ވަދެފައިވާ މަޓޭ ބުނި ގޮތުގައި އޭނާ ލަވަ ކިޔުމުގެ ތެރެއަށް ވަނުމުގެ އަސްލަކީ އޭނާގެ ބޭބެ މުހައްމަދު ރަޝީދު،(ދޮން އަންނާރޭ)އެވެ. އޭނާގެ ބޭބެ އެއްރެއަކު ޖަހައިގެން ލިޔަމުންދިޔަ ލަވަ އޭނާއަށް އެރޭ ހިތުދަސްވެ އޭގެ ދެ ތިން ދުވަހެއް ފަހުން އޮތް ސުކޫލު ލަވަމުބާރާތަށް ކުދިން ހޮވުމަށް ބޭއްވި އޮޑިޝަންގައި އެ ލަވަ ކިޔާ ލަވަ މުބާރާތައް އޭނާ ހޮވުނެވެ. އަދި އެ މުބާރާތުން އެއްވަނަ ލިބުމަކީ އޭނާ ދެކޭ ގޮތުގައި ލަވަ ކިޔުމުގެ ފެށުމެވެ. އެ ކާމިޔާބީއާއެކު އޭރު އުމުރުން 10 އަހަރުގެ މަޓޭއަށް އޭނާގެ ކިބައިގައި ލަވަ ކިޔުމުގެ ހުނަރު ވެސް ހުރިކަން ފާހަގަ ކުރެވި އެކަމަށް އިތުރު ޝައުގުވެރިކަމެއް އުފެދިގެން ދިޔައެވެ.
ލަވަކިޔުމުގައި މަޓޭއަށް ލިބުނު ކާމިޔާބީތަކަށް ބަލާއިރު 2009 ވަނަ އަހަރު ދި ޓީވީއިން ބޭއްވި ލަވަ މުބާރާތެއްގައި ބައިވެރިވެ، ބައިވެރިވި 50 ކުދިންގެ ތެރެއިން ގަދަ 6 އަކާ ހިސާބަށް އޭނާ ވަނީ ގޮސްފައެވެ. ބައެއް ފިލްމްތަކާއި އަލްބަމްތަކުގެ އިތުރުން ސިޔާސީ އެކި ކެމްޕެއިންތަކަށް ވެސް މަޓޭ ވަނީ ލަވަ ކިޔާދީފައެވެ. އެންމެ ފުރަތަމަ މަޓޭ ރިކޯޑްކުރި އަލްބަމް ކަމަށްވާ "ވިސްނާ" އަލްބަމް ކެއާ ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަދިޔާކޮށްފަައިވާއިރު މަޓޭގެ އިތުރުން އެ އަލްބަމްއަށް ލަވަ ކިޔާފައިވަނީ އަލްތޯފް ޝާކިރު އަދި އޭނާގެ ކޮއްކޮ މިޝީއެވެ. 10 އަމިއްލަ ރާގަށް ހަދާފައިވާ އެ އަލްބަމްގެ މިއުޒިކް ހަދާފައިވަނީ މުހައްމަދު ނިހާޒު (ހާޑީ)އެވެ. ސީޒަންގެ ފުރަތަމަ ފިލްމަށާއި ދިވެހިރާއްޖޭގެ އަޑަށް 50 އަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެން އަދި އެމްޑީޕީގެ ބައެއް ކެމްޕެއިންތަކަށް ވެސް މަޓޭ ލަވަ ކިޔާދީފައިވެއެވެ. އޭގެއިތުރުން "އިޓްސް ރީތި ދޯ" އަލްބަމްއަށް އޭނާގެ އެކުވެރިޔާ އިބްރާހިމް ނިމާލް (ތިމަރަ ނިމާލް) ދިން ފުރުސަތެއްގައި ވެސް ލަވައެއް ކިޔާފައިވެއެވެ. ސަން ޑޯނާސް ބޭންޑުގައި 2008 އަދި 2009 ވަނަ އަހަރު މަޓޭ މިއުޒިކް ކުޅެ ގިޓާ ޖަހައި އުޅުނުއިރު އެއީވެސް ނިމާލް ދިން ފުރުސަތެއްކަން އޭނާ ފާހަގަ ކުރެއެވެ.
ކޮމެޑީގެ ތެރެއަށް ވަދެވުނު ގޮތް ކިޔައި ދެމުން މަޓޭ ބުނީ ކުދި ކުދި މަޖާ ވީޑިއޯތައް ހަދާ މަޓޭގެ ޕޭޖުގައި ޝެއާ ކުރަން ފެށީ ރައްޔިތުން ބޭނުންޖެހިފައިވާ ކަންކަމާއި ސަރުކާރަށް ދޯދިޔާކޮށް ކުރެވެމުން ދާ ކަންތައްތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ. އަދި މިކަމާ ގުޅިގެން ކޮމެޑީ އެއްޗެހި ކުޅެން ލިބޭނެ ކަމުގެ އުއްމީދު ނުކުރާ ކަމަށާއި ހީކުރިގޮތާ ހިލާފަށް މި ވީޑިއޯތަކާއެކު ކޮމެޑީތައް ކުޅުމަށް ފުރުސަތު ލިބުނު ކަމަށެވެ. އެގޮތުން ބަލާއިރު ބައިސްކޯފުން ލިބުނު ފުރުސަތާ އެކު ކޮމެޑީގެ ތެރެއަށް މުޅިން ވަދެވުނު ކަމަށާއި އޭގެ ފަހުން ކާއްޓޭއާއެކު ވެސް ވީޑިއޯތަށް ހަދާ ޕޭޖަށް އަޕްލޯޑު ކުރާކަމަށް އޭނާ ބުނެއެވެ.
ކޮންމެ ދާއިރާއެއްގައި ކުރިއަށް ދިއުމަށް ވެސް ކޮންމެސް ވަރެއްގެ ގޮންޖެހުންތަކެއް ހުންނާނެއެވެ. މަޓޭ ބުނި ގޮތުގައި މި ދާއިރާއިން ކުރިއަށް ދިއުމުގައި މާ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިނުވާއިރު ޕަބްލިކްގެ ފަރާތުން ވެސް ވަރަށް ސަޕޯޓް މިކަމަށް ލިބިގެންދެއެވެ. އަމިއްލައަށް ނުވަތަ ދެ ތިން މީހަކުވެގެން ކުދި ކުދި ޕްލޮޓްތަކަށް ވީޑިއޯތަށް ހަދާ އަޕްލޯޑު ކުރުމުގައި ދަތިތަކާ ކުރިމަތި ނުވާއިރު ވީޑިއޯ ހަދާ ދިނުމަށް އެދި މީހުން މަޓޭއަށް ގުޅައި، އިސްތިހާރުގެ ވީޑިއޯ ހެދުމަށް ވެސް އެދެއެވެ. މި މަސައްކަތަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކަމަށާއި އަބަދު އެއްވަރަކަށް މަސައްކަތް ނުލިބުނު ނަމަވެސް އަބަދުވެސް މަސައްކަތް ލިބޭ ކަން މަޓޭ ފާހަގަކުރެއެވެ.
މިހާރު މި ދާއިރާގައި މަސައްކަތް ކުރާ މަދު މީސްކޮޅާ ހިލާފަށް ގިނަ ބަޔަކު މިކަމުގެ ތެރެއިން ފެނިގެން ދިއުމަކީ މަޓޭގެ އުއްމީދެކެވެ. މަޓޭ ބުނާ ގޮތުގައި މި މަސައްކަތަކީ ހަމަ ހުނަރުހުރި ކޮންމެ މީހަކަށް ވެސް ފަސޭހައިން ކުރެވިދާނެ މަސައްކަތެކެވެ. ސުކޫލު ނިންމާފައި، އިތުރު މަސައްކަތެއް ނުފަށާ ކުދިންނާއި ލިބޭ ހުސްވަގުތުތަކުގައި ކޮންމެ މީހަކަށް ވެސް މިފަދަ ކޮމެޑީ މަޖާ ވީޑިއޯއެއް ހަދާ އެންމެންގެ މޫނު މައްޗަށް ހިނުތުންވުމެއް ގެނައުމަކީ ފަސޭހަކަމެއްކަން ފާހަގަކޮށް މަޓޭ ބުނީ މިފަދަ ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނެއްގައި ފޯނު ބޭނުންކޮށްގެން ފަސޭހަކަމާއެކު މިކަންކޮށްލެވޭނެ ކަމަށެވެ. އަދި އޭނާ ދެކޭ ގޮތުގައި މިކަން އިތުރަށް ފުޅާ ކުރެވިގެން ދާނީ ގިނަ ބަޔަކު މިކަންކޮށް އެކަކަށްވުރެ އަނެއް މީހާ ހަދާ ވީޑިއޯ ރަނގަޅު ކުރުމަށް މަސައްކަތް ކޮށްގެންނެވެ. މަޓޭ ދެކޭ ގޮތުގައި މި ދާއިރާ އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ޒުވާނުން ރާއްޖެއިން ބޭރަށް ފޮނުވައި ކިޔަވައި ދިނުމަކީ ވަރަށް މުހިންމު އެއް ފިޔަވަޅެވެ. ވީޑިއޯތަށް ހެދުމުގައި ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރުމާއި އިތުރަށް ކަންކަމާމެދު އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވީޑިއޯތަށް ހެދުމަކީ މަޓޭގެ އިލްތިމާސް އެކެވެ.
ވަކި މީހަކު ކޮޕީކޮށް ނުވަތަ ވަކި މީހަކަށް ފޮލޯ ނުކުރުރި ނަމަވެސް ކުރީގެ މަޝްހޫރު ކޮމީޑިއަންސް ޔޫސޭ، ފީބޯ، މިސްޓަ ބްލެކް، ތަޖޫބެ މިފަދަ މީހުންގެ ވީޑިއޯތަށް ލިބޭ ހުސްވަގުތު ތަކުގައި ބަލާ އުޅޭ ކަމަށް މަޓޭ ބުނެއެވެ. އެގޮތުން މަޓޭ އެންމެ ފާހަގަ ކުރާ އަދި އެންމެ ގިނައިން ވީޑިއޯތަށް ބަލާ އުޅޭނީ ރާޖްޕާލް ޔާދަވްގެއެވެ.
މަޓޭއާއި ދަރިފުޅު ވެސް ކެންސަރާ ހަނގުރާމަ ކުރި
މަޓޭގެ އުމުރުން އެންމެ 2 އަހަރުގައި ލޯ ހަލާކުވި އިރު އެކަން ދިމާވީ ކޮން ސަބަބަކާހުރެ ކަމެއް އޭރު ދެނެގަނެވިފައެއް ނުވެއެވެ. އޭރު ޑޮކްޓަރު ބުނީ ލޮލުގައި ފެން ފިނޮޅިއެއް ނެގީ ކަމަށާއި އެ ލޯ ދެން ރަނގަޅު ނުކުރެވޭނެ ކަމަށެވެ. ލޯ ހަލާކުމުގެ ސަބަބުން އޭނާގެ ހަނދާނަށް ވެސް އަސަރު ކުރާއިރު ބައެއް ފަހަރު ހަނދާނުގައި ކަންކަން ނުހުންނަކަމަށާއި ދުވަސްތަކެއް ފަހުން މާ ކުރީގައި ހިނގި ބައިވަރު ކަންކަން ހަނދާނަށް އަންނަކަން ވެސް އޭނާ ފާހަގަ ކުރިއެވެ. މަޓޭގެ ކިޔެވުމަށް ވެސް މިކަމުގެ ސަބަބުން ބުރޫއެރި ނަމަވެސް ލޮލުގައި އިނީ ޓިއުމަރެއްކަން ދެނެގަނެވުނީ އޭނާގެ އުމުރުން 18 އަހަރުގައެވެ. އެއީ އޭނާގެ އުމުރުން 18 އަހަރުގައި ލޮލުގައި ރިއްސަން ފެށުމުން މާލޭގައި ހުރި ޑޮކްޓަރަކަށް ދައްކާ އެ ޑޮކްޓަރުގެ ލަފާގެ މަތިން އިންޑިއާއަށް ގޮސް އެތަނުގެ ޑޮކްޓަރަށް ދެއްކުމުންނެވެ.
މަޓޭގެ ދަރިފުޅު ޝިޔާޒްއަށް ލޮލުގެ ކެންސަރު ޖެހިފައިވާކަން އެނގުނީ މަޓޭގެ މަންމައަށް ޝިޔާޒްގެ ލޮލުން މަޓޭގެ ލޯ ހަލާކުވުމުގެ ކުރިން ފެނުނު ފަދަ އަލިކަމެއް ފެނިގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އޭރު އުމުރުން 1 އަހަރުގެ ޝިޔާޒް ޑޮކްޓަރަށް ދެއްކުމުން 2 ލޮލުގައި ވެސް ޓިއުމަރެއް އިން ކަމަށާއި ލޯ ސަލާމަތް ކުރަން ވަރަށް އުނދަގޫވާނެ ކަމަށް ބުނެ ބޭރަށް ދާން ދިން ލަފާގެ މަތިން ފުރައިގެން ވަގުތުން ރާއްޖޭން ބޭރަށް ދިޔައެވެ. އިންޑިއާއިން ގިނަ ފަރުވާތަކެއް ކުރަން ޖެހުނުއިރު ސަރުކާރުން ދީފައި ވަނީ ކުޑަ އެހީއެއް ކަމަށް ވުމުންނާއި ގިނަ ދުވަހު އިންޑިއާގައި ތިބެން ޖެހުމާއި ފަރުވާތަކަށް ހޭދަވި ހަރަދުތަކުގެ ސަބަބުން ގިނަ ބައެއްގެ އެހީ ހޯދަން ޖެހުނު ކަމަށް މަޓޭ ބުނެއެވެ.
ކީމޯ އަދި ރޭޑިއޭޝަން ނަގަމުން ދަނިކޮށް ޝިޔާޒްގެ 2 ލޯ އެއްކޮށް ހަލާކުވިއެވެ. ލޮލެއް ޖެހޭތޯ ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނީ ލޮލުގެ އޮޕަރޭޝަންކޮށް ލޮލުގެ ނާރުތަކާއެކު ލޯ ނަގާފައި ވާތީއެވެ. އިންޑިއާގައި ހޭދަކުރި އެ ދުވަސްތައް މަޓޭ ސިފަކުރަނީ މަޓޭގެ ހަޔާތުގައި ހޭދަވި އެންމެ ހިތާމަވެރި ދަތި އުނދަގޫ ދުވަސްތަކުގެ ގޮތުގައެވެ. އެ ދުވަސްތަކުގައި އެހީވި އެލިއާ އިންވެސްޓްމަންޓްގެ ވެރިޔާ އަތޯ އަލީ، ސްޓެޓިކް ކޮމްޕެނީގެ ހުރިހާ ވެރިން، ހުސައިން ޝާން (ޝާންޓޭގެ ދެމަފިރިން)، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ހުރިހާ މުވައްޒަފުން ހާއްސަކޮށް އަލްތޯ ޝާކިރު އަދި ފާތުން، ހަސަން އާސިފް ރިޒާ، ޗަމްޕާ ހުސައިން އަފީފު، ނިމާލް ތިޔަރަ، އަލްތޯފްގެ ދެމަފިރިންގެ އިތުރުން އާއިލާގެ ހުރިހާ މެންބަރުންނަށް ހާއްސަކޮށް އިސާ ޝާމިހް، ކުޑޯ، ޝަމްހާ އަލީއަށް މަޓޭ ވަނީ ޝުކުރު އަދާކޮށްފައެވެ.
މަޓޭގެ ފާހަގަ ކުރިގޮތުގައި އެ ހިތްދަތި ދުވަސްވަރު އޭނާގެ އަންހެނުން ޝާއިރާ އަލީ ވި ގުރުބާނީ އަކީ އެފަދަ ދެވަަނައެއް ނެތް ގުރުބާނީ އެކެވެ. ދަރިފުޅުގެ ހައްގުގައި ޝާއިރާ އަލީ ވަނީ ހަމަ ނިދި ނުނިދާ ރެޔާއި ދުވާލު ދަރިފުޅަށް ބޭނުންވާނޭ ހުރިހާ ކަމެއް ކުރުމަށް ހޭދަކޮށްފައެވެ. އެހެންކަމުން އެ ދަތި އުނދަގޫ ދުވަސްވަރު ޝާއިރާ ދެއްކި ހިތްވަރާއެކު މެނުވީ ޝިޔާޒުގެ ބޭސް ފަރުވާގެ ކަންކަން ފުރިހަމައަށް ނުކުރެވޭނެ ކަމަށް އޭނާ ދެކެއެވެ. މަޓޭ ވަނީ އޭނާގެ އަންހެނުން ޝާއިރާއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ރާއްޖޭގައި ލިބެން ނެތް ފަރުވާތަކަށް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ކުރެވޭނެ ފަސޭހަ މަގެއް ފަހިކޮށް ދިނުމާއި ލޮލުގެ އުނިކަން ހުންނަ ކުދިންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުފަހިކޮށްދިނުމަކީ ސަރުކާރުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެފަދަ ކުދިންނަށް ތައުލީމު ހާސިލު ކުރެވޭނެ ގޮތް އަތޮޅު ތެރޭގައި ވެސް ގާއިމް ކުރުމަށް މަޓޭ ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މިހާތަނަަށް ކުރެވުނު އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި މަޓޭ ފާހަގަ ކުރަނީ މި މަހުގެ 25 ވަނަ ދުވަހުގެރޭ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ އަދި ޓިކެޓު ދޫކުރަމުންދާ ދިވެހި ރޮމޭންޓިކް ކޮމެޑީ ފިލްމް ވަނާޖުބޭސާއެވެ. ވިޝާލް ޒަކީ(ވިއްޓެ) ޑައިރެކްޓްކޮށް ފ. އަތޮޅު ނިލަންދޫގައި ކުޅެފައިވާ މި ފިލްމް ގިނަ ބަޔަކަށް ކަމުދާނެ ކަމަށް މަޓޭ އުންމީދު ކުރެއެވެ. މަޓޭ ކުޅެފައިވާ މި ފިލްމްގެ 6 ޝޯ މާލޭގައި އެޅުވުމަށް ހަމަޖެހިފައި ވާއިރު އަތޮޅު ތެރޭގައި ބައެއް ރަށްރަށުގައި ވެސް މި ފިލްމް އެޅުވުމަށް ވަނީ ނިންމާފައެވެ.