މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގު އެމްޕީއެލް ފްލެޓްތައް ކައިރީ ކަމަށެވެ. ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 11:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އަދި މި އެކްސިޑެންޓްގެ ސަބަބުން ސައިކަލު ދުއްވަން އިން މީހާ އަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، އިތުރު ފަރުވާ އަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި މިވަގުތު ވެސް ސީން ގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށާއި ނަމަވެސް އެކްސިޑެންޓް ހިނގީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ބުނެދީފައެއް ނުވެއެވެ.

ފޮޓޯއިން ފެންނަ ގޮތުން ސައިކަލުގެ އިތުރުން ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ރޯދަމަހުގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެ ފުރަތަމް 15 ދުވަހު ވެސް 173 އެކްސިޑެންޓެއް ރިޕޯޓު ކޮށްފައި ވާ ކަމަށް މީގެ ކުރިން ފުލުހުން މައުލޫމާތު ދީފައި ވެއެވެ. އަދި ހިނގި އެ އެކްސިޑެންޓްތަކުގައި 2 މީހުން ވަނީ މަރުވެފައެވެ.